ބ.އަތޮޅު ދަރަވަންދޫގެ ޞިއްހީ މަރުކަޒުގައި ޤާއިމް ކުރި އަވަސް ފަރުވާދޭ ޔުނިޓް ހުޅުވައިފިއެވެ. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ޤާއިމް ކުރި މި ޔުނިޓް ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރުއެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ، އަވަސް ފަރުވާ ދޭ ޔުނިޓުން ޚިދުމަތް ހޯދަން އަންނާނީ ހަމައެކަނި ނުރައްކާތެރި ހާދިސާތަކުގައި އަނިޔާލިބޭ ފަރާތްތައް ކަމުގައި އެކަނި ދެކިގެން ނުވާނެކަމަށާއި، ޖިންސީ އަނިޔާއާ ޖިސްމާނީ އަނިޔާ ލިބޭ ފަރާތްތައްވެސް މި ޔުނިޓުން ޚިދުމަތް ހޯދުމަށް އަންނާނެކަން ދަންނަން ޖެހޭކަމަށެވެ. އެގޮތުން އެފަދަ ފަރާތްތަކަށް ޚިދުމަތެއް ދޭއިރު ބަލަން ޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ހުރިކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ އަތޮޅު ތެރޭގެ ސިއްޙީ ނިޒާމް ކުރިއަރައި ދާންވާނީ ހަމައެކަނި ސިޔާސީ ގޮތުން ކުރިމަތިވާ ކުރިމަތިވުންތަކާ އެކުގައި ނޫންކަމަށާއި، ސިއްޙީ ޚިދުމަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ މުހިންމު ޚިދުމަތެއްކަމަށެވެ. އެގޮތުން މިސަރުކާރުން މިޚިދުމަތް ކުރިއެރުވުމުގައި ކުދި އާބާދީއެއް ބޮޑު އާބާދީއެއް ނުބައްލަވާނެކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްޙީ ޚިދުމަތަކީ އަބަދުވެސް ފުޅާކުރަން ޖެހޭ ޚިދުމަތެއްކަމަށާއި، ވަގުތީ ގޮތުން ދޭ ޚިދުމަތަކަށް ސިއްޙީ ޚިދުމަތް ވެގެންނުވާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް އެންމެ މުހިންމު އިސްކަމެއް ދެއްވާ އެއްދާއިރާ އަކީ ސިއްޙީ ދާއިރާކަން ފާހަގަ ކުރައްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ އިންޑިއާ ސަރުކާރާ ގުޅިގެން ޤާއިމް ކުރި އަވަސް ފަރުވާ ދޭ ޔުނިޓްގެ ސަބަބުން އެތައް ފައިދާތަކެއް އަތޮޅުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށްވެސް ކުރާނެކަމަށެވެ.
އިންޑިއާ ސަރުކާރާ ދިވެހި ސަރުކާރު ގުޅިގެން ޤާއިމް ކުރި އަވަސް ފަރުވާދޭ މަރުކަޒު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުއްކަމަށެވެ. އަދި އެގުޅުން ދެމެހެއްޓުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެންމެ ޚާއްސަ އިސްކަމެއްދޭ ދާއިރާއަކީ ސިއްޙީ ދާއިރާއާ އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދާއިރާކަަމަށް މުނޫ މަހާވަރު ވިދާޅުވިއެވެ.
ދެ ފަންގި ފިލާއަކަށް ހަދާފައިވާ އަވަސް ފަރުވާދޭ މިޔުނިޓުގައި އަވަސް ފަރުވާދިނުމަށް ޚާއްސަ ވޯޑަކާއެކު އިމަރޖެންސީ ހާލަތުގައި ފަރުވާދިނުމަށް 10 އެނދު ހުރެއެވެ. އަދި ބަލިމީހުން ބަލާނެ ކޮޓަރިއަކާއި، ނާސިން ސްޓޭޝަނެއްވެސް ހުރެއެވެ. މީގެ އިތުރުން މީޓިން ބޭއްވުމަށް 2 މީޓިން ރޫމްވެސްވަނީ ޤާއިމްކޮށްފައެވެ.
ކަރަންޓް ބޭނުންކުރުމަށް މިއިމާރާތުގެ ފުރާޅުގައިވަނީ ސޯލާ ސިސްޓަމް ހަރުކޮށްފައެވެ. ދަރަވަންދޫ ސިއްޙީ މަރުކަޒުން ބުނީ، މިސޯލާ ޕެނަލުން 20ކިލޯ ވޮޓްގެ ކަރަންޓް އުފެއްދޭނެކަމަށެވެ.
ދަރަވަންދޫގައި އަވަސް ފަރުވާ ދޭ ޔުނިޓެއް ހެދުމުގެ މައިގަނޑު އެއްބޭނުމަކީ އިމަރޖެންސީކޮށް ގެންނަ ބަލިމީހާ އިތުރު ފަރވާއަށް މާލެ ގެންދެވެންދެން ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.