އަންނަން އޮތް ޖީލުތަކަށް ދިވެހި ޤައުމިއްޔަތު ފޯރުކޮށްދެވޭނީ ޤައުމީ ބަހާތައް ދަމަހައްޓައިގެންކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ.އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ޤައުމެއް ބިނާވަނީ އެގައުމެއްގެ ބަހާތަކާއި ރުކުންތަކުގެ މައްޗަށް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމިއްޔަތު ބިނާވެގެންވަނީ އިސްލާމްދީނާއި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައިގެ މައްޗަށްކަމަށާއި، އަންނަން އޮތް ޖީލުތަކަށް ގައުމިއްޔަތު ފޯރުކޮށްދެވޭނީ މިއަދުގެ ޖީލުން ދިވެހި ގައުމިއްޔަތުގެ ބަހާތައް ފުރިހަމަގޮތުގައި ނަގައި ދަމަހައްޓައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަންނަން އޮތް ޖީލުތަކަށް ގައުމިއްޔަތު ފޯރުކޮށްދެވޭނީ އުފެދެމުން އަންނަ ޖީލުގެ ހިތްތަކުގައި އިސްލާމްދީނުގެ ސައްހަ އަގީދާ ކަނޑައަޅައި ބިންވަޅުނަގައިގެން. އީމާންކަމާއި އިސްލާމް ކަމުގެ ރުކުންތައް ފުރިހަމައަށް ދަސްކޮށްދީ، ފަަރުޟު ފަސް ނަމާދަށް ރައްކާތެރިވުމީ ހަށިގަނޑާއި ރޫހު ސާބިތުކުރާ އަސާސްކަމުގައި ހަދައިގެން. އަދި އިސްލާމީ ރިވެތި އަހުލާގުން ފޭރަން ލައި ޖަރީވެގެން" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ބަހާއި، ސަގާފަތަށް ސަމާލުކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ޤައުމެއް ތަރައްގީވާނީ ޤައުމެއްގެ ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް މީހުންނަށް ހަދައިގެންކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ފަސް އަހަރުވަންދެން ބޮޑުތަކުރުފާނު އަނގަމަތި، އޮޑިއެއްގައި ގައުމު މިނިވަން ކުރަން ބުރަ، ބޮޑު މަސައްކަތެއް ކުރެއްވި އިރު، އެ ދުވަހު ގައުމު މިނިވަންވީ ދިވެހި ތާރީހުގައި ވެސް ދިވެހިންނަށް އައި އެންމެ ކަޅު އަނދިރި ދުވަސްތަކުން ކަމަށެވެ. އެގޮތުން އޭރު ދިވެހިން ތަޖުރިބާކުރަން ޖެހުނު ބައެއްކަންކަން ފާހަގަކުރައްވާ ވިދާޅުވީ މިނިވަންވިތާ 300 އަހަރު ފަހުން ގައުމީ ދުވަހުގެގޮތުގައި މި ދުވަސް ކަނޑައެޅި އެ ދުވަސް ފާހަގަކުރާތާ މިހާރު 80 އަހަރުވެފައިވާއިރު، ރާއްޖޭގެ ތާރީޚުގައިވެސް ފާހަގަކުރާ މިފަދަ ދުވަސްތަކުގެ ތެރެއިން ގާނޫނުގައި ހިމެނިގެން ގައުމީ ދުވަސް ފާހަގަކުރުމަކީ ދިވެހިންނަށް މި ދުވަސް ޚާއްސަވާ މިންވަރު ދޭހަވާ ކަމެއްކަމަށެވެ.