ޖަރުމަނު ވިލާތުން ހަކަތައިގެ ދާއިރާގައި، ސަޢުދީ ޢަރަބީއްޔާއާއެކު ގުޅުން ބަދަހިކުރުމަށް ބޭނުންވާކަމަށް ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޒް ވިދާޅުވެއްޖެވެ.
ޖަރުމަނު ވިލާތުގެ ޗާންސެލަރ، ގަލްފް ސަރަހައްދަށް ދެދުވަހުގެ މުއްދަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައުދީ ވަލީ އަޙުދު މުހައްމަދު ބިން ސަލްމާނާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު ހޮނިހިރު ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖަރުމަން ޗާންސެލަރ ވަނީ ސަޢުދީއާއެކު ހަކަތައިގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް ބޭނުންވާކަން ހާމަކޮށްފައިވެއެވެ.
އަދި މިއީ ހަމައެކަނި ތެލުގެ ވިޔަފާރީގައިއެކަނި ނޫންކަމަށް ޗާންސެލަރ ވިދާޅުވިއެވެ. މިގޮތުން ހައިޑޮރޮޖެން އަދި އިޔާދަކުރަނިވި އެހެން ހަކަތައަށްވެސް ދެ ޤައުމު ދެމެދު ގުޅުން ބަދަހި ކުރުމަށް ޝައުޤުވެރިކަން ހުރިކަން ޗާންސެލަރ ވަނީ ހާމަކޮށްފައެވެ.
ޖަރުމަން ވިލާތުން ސައުދިއާއެކު ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައި ރަޝީޔާގެ ގޭސްއަށް އެޤައުމުން ބާރޯސާވާ މިންވަރު ކުޑަ ކުރުމަށެވެ. އެގޮތުން ރަޝިޔާއިން ޔޫކްރެއިން ހަމަލާދިނުމާއެކު ޖަރުމަނުން އެ ޤައުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް އެހެން ގޮތްތަށް ހޯދަން ވަނީ ފަށާފައެވެ. މިފަދަ ފިޔަވަޅެއް ނެގުމަށް ޖަރުމަންވިލާތައް މަޖުބޫރުވީ ހުޅަނގުގެ ޤައުމުތަކުން ރަޝީއާށް އެޅި ފިޔަވަޅުތަކާއި އެކު ރަޝިޔާއިން ޔޫރަޕްގެ ޤައުމުތަކަށް ފޯރުކޮށްދޭ ގޭހަށް ފިއްތުންތައް ކުރިމަތިކުރަން ފެށި ހިސާބުންނެވެ.