މަޝްހޫރު ހޮލީވުޑް އެކްޓަރު ޖޮނީ ޑެޕް އޭނާގެ ވަކީލު ޖޯއެލް ރިޗް އާއި ރައްޓެހިވެގެން އުޅޭކަމުގެ ވާހަކަ ފެންމަތިވެއްޖެއެވެ.
ޑެޕް އޭނާގެ ކުރީގެ އަންހެނުން އެމްބަރ ހާޑްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވާޖިނިއާގެ ކޯޓުގައި އޭނާގެ ޤާނޫނީ މަންދޫބުންގެ ގޮތުގައި މަސައްކަތްކުރީ ބެންޖަމިން ޗު އާއި ކެމިލް ވަސްކޭޒްއެވެ. އެހެންކަމުން މީގެކުރިން ދަ ސަން ނޫހާއި ދެކޮޅަށް ޑެޕް ހުށަހެޅި ޤާނޫނީ މައްސަލައިގައި މަސައްކަތްކުރި ޖޯއެލް އާއި ރަސްމީ އެއްވެސް ގުޅުމެއް ނެތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ލަންޑަންގައި ދިރިއުޅޭ ޖޯއެލް މިވަގުތު ހުރީ އޭނާގެ ވަރި އަދި ފައިނަލް ނުވެއެވެ. މި ޚަބަރަކީ ޑެޕް އާއި ޖޯއެލް ރައްޓެހިވެގެން އުޅޭ ކަމަށް ޤަބޫލުކުރާ ޝޯޝަލް މީޑިއާގައި އުޅޭ މީހުންނަށް ހައިރާންކަން ލިބުނު ޚަބަރެކެވެ. ދަ ސަންގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔައިރު ޝަރީއަތުގެ ތެރޭގައި ޑެޕް އާއި ޖޯއެލް ފެނުނީ އެކަކު އަނެކަކާ ފުދޭވަރަކަށް ގައިގޯޅިކޮށް އުޅެނިކޮށެވެ.
އެބްމާގެ މައްސަލައިގައި ޑެޕް އާއި އެއްކޮޅަށް ހެކިދޭން ޖޯއެލް ވަނީ ކޯޓަށްވެސް ގޮސްފައެވެ. އަދި އެ ދެމީހުން ރައްޓެހިވިތާ ކުރީކޮޅު ސިއްރުން ބައްދަލުކުރާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޑެޕް އާއި އެމްބާގެ މައްސަލަގަނޑު ނިމި ޑެޕްއަށް މައްސަލަ ކާމިޔާބު ވުމަށްފަހު ޖޯއެލް ވަނީ މިހުރިހާ ވާހަކަތަކެއް ދޮގުކޮށްފައެވެ. އަދި އެއީ އަޚްލާގީ ގޮތުން ގޯސް ވާހަކަތަކެއް ކަމަށްވެސް ޖޯއެލް ވަނީ ބުނެފައެވެ.
ޑެޕާއި އެމްބާގެ މައްސަލަ ކޯޓުގައި ކުރިއަށްދިޔައީ ދެމީހުން ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި ދެއްކި ވާހަކައަށް ފަހު އެކަކު އަނެކަކުގެ މައްޗަށް ކުރި އަބުރުގެ ދައުވާގައި މައްސަލައެއްގައެވެ. މި މައްސަލަ ކާމިޔާބުވެފައިވަނީ ޑެޕަށެވެ.
6 ހަފްތާ ވަންދެން ކުރިއަށް ދިޔަ މި މައްސަލަގަނޑުގެ މައްޗަށް ފިލްމެއް އުފައްދަން ވެސް މިހާރު ވަނީ ނިންމާފައެވެ.
އެ ފިލްމުގެ ނަމަކީ ހޮޓް ޓޭކް: ދަ ޑެޕް/ހެއާޑް ޓްރައިއަލް" އެވެ. އަދި މި ފިލްމު ދައްކާނީ ޓޫބީ ސްޓްރީމިން ސާވިސް އިން ކަމަށާއި، ފިލްމުގައި ޖޯނީ ޑެޕްގެ ރޯލުން ފެނިގެންދާނީ މާކް ހަޕްކާ އާއި އެމްބާގެ ރޯލުން ފެންނާނީ މެގަން ޑޭވިސްކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.