ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، ދިރާސާކުރަން ކޮމެޓީއަށް ފޮނުވައިފިއެވެ.
މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ. ގަރާރު ބަލައިގަނެފައިވަނީ 45 މެމްބަރުންގެ ވޯޓުންނެވެ. މިމައްސަލަ ދިރާސާކުރަން ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއަށެވެ.
މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޭސްފަރުވާގެ ޚިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ޚިދުމަތެއްކަމަށް ކަނޑައަޅައި އިޖުތިމާއީ ޞިއްޚީ އިންޝުއަރެންސުގެ ޤައުމީ ނިޒާމެއް ގާއިމް ކޮށްފައިވާކަމަށެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފާރުގެ ބައެއް ކަންކަމަށް ފަރުވާ ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ޚާއްސަކޮށް ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސްތައްވެސް ރާއްޖެއިން ލިބެން ނުހުންނަކަމީ ކަންބޮޑުވުމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ. މިމައްސަލައަކީ މުޖުތަމައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިއަދާއި ހަމައަށްވެސް މިކަމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނުވާކަމީވެސް ކަންބޮޑުވުމެއްކަމަށް މީކާއިލްގެ މައްސަލާގައި ބުނެފައިވެއެވެ.
ދަރިމައިވުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ބޭސްތައް އާސަންދައިން ލިބޭނޭ ގޮތެއް ހަމަޖައްސައި ރާއްޖެއިން ފަރުވާ ކުރެވޭނޭ ނިޒާމެއް އޮތުމަކީވެސް މިކަން ތަހައްމަލު ކުރާ މީހުންނަށް ކޮށްދެވޭނެ ފަސޭހަ މަގެއްކަމަށް މީކާއިލް ވިދާޅުވިއެވެ. މިޤަރާރު ހުށަހެޅުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި ދަރިމައިވުމުގެ މައްސަލައަށް ކުރެވޭ އެންމެ ބޮޑު ހޭދަ ކަމުގައިވާ އައިއީއެފް އާސައިންދައިން ކަވާ ކުރުމަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެންމެ އަސާސީ ފަރުވާތައް އާސަންދަ ތެރެއިން ހަމަޖެހޭނެ ގޮތެއް އޮންނަން ވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.
މިޤަރާރުގެ ބަހުސް މަރުހަލާގައި ވާހަކަ ދެއްކެވި މެމްބަރު ވަނީ މިމައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ޚާއްސަކޮށް މިއީ މުޖުތަމައުގައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަމަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ލުއި ގޮތަކަށް ބޭސްކުރެވޭނެ އންތިޒާމު ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.