ގދ.ފަރެސްމާތޮޑާއަކީ ކުރިން ދެރަށެއްނަމަވެސް މިހާރު ހިއްކައިގެން ގުޅާލެވިފައިވާ ރަށެކެވެ. 44.9 ހެކްޓަރުގެ މި ރަށަކީ ޤުދުރަތީ ގޮތުން ރީތި ރަށެކެވެ. މިހިތްފަސޭހަ ރީތި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ތަހައްމަލު ކުރަންޖެހިފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެރަށުގެ އިންޖީނުގޭގެ ބާރު އަޑުފައްގަނޑާއި އިންޖީނުތަކުން ބޭރުވަމުންދާ ކަޅު ދުމުގެ ނުސާފުކަމެވެ.
ފަރެސްމާތޮޑާގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މީގެ އެތައް އަހަރެއް ކުރިން ޤާއިމުކުރި އިންޖީނުގެވެފައިވަނީ ރަށުގެ ރައްޔިތުންނަށް ހުރި ބޮޑު ތަކުލީފަކަށެވެ. ބިމުގެ ދަތިކަން ކުރިމަތިވެފައިވާ މިރަށުގައި މި އިންޖީނުގެއާ ދާދި ގާތުގައި ދިރިއުޅެން މަޖުބޫރުވެފައިވެއެވެ. އަދި މި ގެނދަބުޅި އިންޖީނުގެއާ މާދުރު ނޫން ހިސާބެއްގައި ހުންނަ ހުވަދޫ ސްކޫލަށްވެސް އިންޖީނުގޭގެ އުނދަގޫވަނީ ކުރިމަތިވެފައެވެ.
ފަރެސްމާތޮޑާ އިންޖީނުގޭގެ ބާރު އަޑުފައްގަނޑާއި އިންޖީނުތަކުން ބޭރުވާ ދުމުގެ އުނދަގޫވާތީ ހުވަދޫ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ޝަކުވާކުރާތާ ލައްކަ ޒަމާންވެއްޖެއެވެ. ސިޔާސީ ގޮތުން ބާރު ހުރި އެތައް ބައެއްގެ ގާތުގައި ދެންނެވުނެވެ. އެކި ސަރުކާރުތަކުގައިވެސް ދެންނެވުނެވެ. ކެތްތެރިކަން ކޮޅުންލައި 2018ވަނަ އަހަރު ބެލެނިވެރިން އިހުތިޖާޖުވެސް ކުރަންފެށިއެވެ. އިންޖީނުގޭގެ މައްސަލަ ހައްލުނުވުމުން ބައެއް ބެލެނިވެރިން ނުކުމެ ގޭޓުގައި ތަޅުވެސް އެޅުވިއެވެ. "ކައުންސިލުން ބުނީ މަސައްކަތް ކޮށްކޮށް ހައްލެއް ނުލިބުނު" "9އަހަރު ވެއްޖެ ހައްލެއް ނުލިބި" "ހައްލެއް ބޭނުން" މިއީ އެދުވަހު ސްކޫލުގެ ގޭޓުގައި ބެލެނިވެރިން ހަރުކުރި ބޯޑުތަކުގައި ލިޔެފައިވާ ޝުޢޫރުތަކުގެ ތެރެއިން ބައެއް ޝުޢޫރެވެ.
"ލިޔުންތެރިކަމުގެ ގޮތުން ދަރިވަރުންނަށް ލިޔަން ފުރުސަތު ލިބިއްޖެކަމަށްވަންޏާ އެދަރިވަރުން ކަންބޮޑުވާ ކަންތައްތަކަށް ވަރަށް ގިނަ ފަހަރު ސިޓީތައް އެޑްރެސްކޮށް އެބަ ލިބޭ. އެގޮތުން ތަފާތު މުއައްސަސާތަކަށް އެޑްރެސްކޮށް، ނުވަތަ ސްކޫލު ޕްރިންސިޕަލަށް އެޑްރެސްކޮށް (އިންޖީނުގޭގެ ސަބަބުން ދަރިވަރުންނަށް) އުނދަގޫވާކަން ލިޔެފައި އެބަހުރޭ. ހަމައެއާއެކު ޓީޗަރުންގެ ޝަކުވާއެއްގެ ގޮތުގައި ކޮންމެ ދުވަހަކުވެސް ހަމަ އެއް ޝަކުވާއެއް އަންނަނީ. ދަރިވަރުންނަށް އެއްޗެއް ފަހުމުކޮށްދޭން މަސައްކަތްކުރާއިރު އިތުރު އުނދަގޫ ތަހައްމަލު ކުރަންޖެހޭތީ އެޝަކުވާތައް އާންމުގޮތެއްގައި އާދޭ" ދަރިވަރުންނާ މުދައްރިސުންނަށް އިންޖީނުގޭގެ ސަބަބުން ވާ އުނދަގޫތައް ބަޔާންކޮށްދެއްވަމުން ހުވަދޫ ސްކޫލުގެ ދިވެހި މުދައްރިސް ޙުސައިން ޖަމީލް ވިދާޅުވިއެވެ.
އިންޖީނުގެ އަޅާފައިވާ ހިސާބަކީ އާންމު ރައްޔިތުންވެސް ދިރިއުޅޭ ސަރަހައްދެކެވެ. ބިމުގެ ދަތިކަމާހެދި އެސަރަހައްދުގައި ދިރި ނޫޅެ ވާކަށްވެސް ނޯވެއެވެ. އިންޖީނުގޭގައި 24 ގަޑިއިރު ހިންގާ އިންޖީނުތަކުން އިވޭ ގަދަ އަޑާއި ބޭރުވާ ކަޅު ދުމުގެ އެންމެ ގާތް އެކުވެރިންނަކީ އެސަރަހައްދުގައި ދިރިއުޅޭ އާންމުންނެވެ.
"2011 ޖުލައި 26 ގައި އަޅުގަނޑުމެން މިގެއަށް ބަދަލުވީ. ފަހުން ބޮޑު އިންޖީނަކަށް ބަދަލުކުރީމަ އޭގެ ދުން ފުރަތަމަ އަންނަން ފެށީ. ދެން ބޮޑު ދަރިފުޅު ބުނީ ބޮލުގައި ރިއްސަނީއޭ. ތެޔޮ ވަސްވެސްހުރޭ. ދެން އަޅުގަނޑު ދަރިފުޅު ގާތުގައި ބުނިން އެހާވަރު ކަމެއް ނޫނޭ. ފަހުން ރަނގަޅުވެދާނެޔޭ. އެހެން ހުއްޓާ ގޭތެރޭގައި ނިދަން އުނދަގޫވާ ވަރަށް ދުމުގެ އަސަރު ކުރަންފެށި. އެޝަކުވާ ވަރަށް ގިނަ ފަރާތްތަކާ އަޅުގަނޑު ހިއްސާކުރިން. މީހުން ޓެގްކޮށް ފޭސްބުކްގައިވެސް ލިޔުނިން. ސިއްހަތާ ގުޅުންހުރި ބޭރުގެ ޖަމުއިއްޔާއަކަށް (އެލިޔުންތައް) ފޮނުވާވެސް ހެދިން" ގޮތްހުސްވެފައިހުރި ގދ.ފަރެސްމާތޮޑާ، މާތޮޑާ އަވަށުގެ ސެވަންހެވަން، ރާފިޔާ ޝަރީފް ކިޔައިދެއްވިއެވެ.
ފަރެސްމާތޮޑާގެ ރައްޔިތުން ތިބީ ގޮތް ހުސްވެފައެވެ. މިފަދަ ދަތި އުނދަގޫ ދިރިއުޅުމެއް އުޅެމުން އައި ފަރެސްމާތޮޑާގެ ރައްޔިތުންނަށް އުއްމީދެއް ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުންނެވެ. ރާއްޖޭގެ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިއުޅޭ ސަރަހައްދާއި ދުރަށް ގެންދިއުމަށް ބޮޑު މަޝްރޫޢެއް ސަރުކާރުން ހިންގަންފެށިއެވެ. އެކަމަށްޓަކައި ބަޖެޓުގައި އަދަދުތައް ޖެހިއެވެ. ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ އެކި ރަށްރަށުގައި ހުރި ބާ އިންޖީނުގެތައް ޒަމާނީކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މުހިންމު ސިޔާސަތެކެވެ.
"ބާވެ ހަސްނެތި އުވެމުން، ނިވެމުން، ކަނިވަމުންދާ ހުރިހާ އިންޖީނުގެތަކުގެ ގަދައަޑާ، ބޯދުމާ، ގެނދަބުޅިން، ރައްޔިތުން މިންޖު ކުރުމުގެ ބޮޑު މަޝްރޫޢު، ފެނަކައިން ހިންގަމުން އެބަގެންދޭ. އާ ޖޯރަކާ އިތުރު ހޯސްޕަވަރުގެ ޖަނަރޭޓަރުތައް، ޒަމާނީ އާއިންޖީނުގެ ތަކުގާ އެދަނީ ބަހައްޓަމުން. ޖަޒީރާ ދިރިއުޅުމަށް އިތުރު ހަކަތަ އެދަނީ ލިބެމުން. ދުރު އަދި މެދު ރާސްތާގައި، އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ އަމާޒަށް ސަރުކާރުން މިދަނީ މަސައްކަތްކުރަމުން" ދާދިފަހުން ބޭއްވުނު ވިޔަވަތި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުގެ މި ވަޢުދާ އެއްގޮތަށް ފަރެސްމާތޮޑާގެ އައު އިންޖީނުގެ ޢިމާރާތްކުރުން ކުރިއަށްދަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ މާ ދުރުން، އެއަރޕޯޓް ތަރައްޤީކުރާ ސަރަހައްދުގައެވެ. ރައްޔިތުންނަށް އިންޖީނުގެއިން ލިބެމުންދިޔަ ދުއްތުރާތަކަށް ނިމުމެއް ގެނެސްދިނުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި މަޝްރޫޢު މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ. އަދި އެއަރޕޯޓާއެކު މާ ލަސްތަކެއް ނުވެ އައު އިންޖީނުގޭގެ ޚިދުމަތް ފަރެސްމާތޮޑާ ރައްޔިތުންނަށް ލިބޭނެއެވެ. ބާރު އަޑުފަށްގަނޑާއި، ދުމުގެ އުނދަގުލުން މާ ލަސްތަކެއް ނުވެ ސަލާމަތްވެވޭނެއެވެ.