ޚަބަރު

އަންނައަހަރު 4 ބުރެއްގެ މަތިން ކައުންސިލްތަކަށް 1.7 ބިލިޔަން ރުފިޔާ!


ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޫކުރާ 1.7 ބިލިއަންގެ "ބްލޮކް ގްރާންޓް" ފައިސާ އަންނަ އަހަރު ކުއާޓަލީކޮށް ނުވަތަ ހަތަރުބުރަށް ބަހާލައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

ހައްދުންމަތީ ގަމުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސުގައި ކައުންސިލްތަކުން ވަނީ ސަރުކާރުން "ބްލޮކް ގްރާންޓު"ގެ ގޮތުގައި ދޫކުރާ ފައިސާގެ ޚަރަދުތައް ބެލެހެއްޓުމުގައި ކައުސިލްތަކަށް ދަތިތަކެއް ހުންނާތީ މަހުންމަހަށް ނުވަތަ ކުއާޓަލީ ބަޖެޓް ދޫކުރާ ގޮތަކަށް ބަދަލު ގެނައުމަށް ހުށަހަޅާފައެވެ.

ގިނަ ކައުންސިލްތަކުން ފާޅުކުރި ކަންބޮޑުވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ބެޖެޓުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރާ ފައިސާ ކުއާޓަލީ ދޫކުރާގޮތަށް ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ. އަދި މިބަދަލާއިއެކު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކަށް ދިމަވާ މާލީ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލުތަކެއް އަންނާނެކަމަށް ގަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުމާ އެއްގޮތަށް އަންނައަހަރުން ފެށިގެން ބްލޮކް ގްރާންޓް ކުއާޓަލީ ކައުންސިލްތަކަށް ދޫކުރާނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވިއެވެ. މިއަހަރަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވަނީ 1.5 ބިލިޔަން ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރަށް 1.7 ބިލިޔަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދިނުމަށް ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސަތު ބެލެހެއްޓެވި މި ސެޝަންގައި އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަށް ދޫކުރާ ބަޖެޓް ނުވަތަ ގްރާންޓް، އެއް އަހަރުން އަނެއް އަހަރަށް އަންނަނީ އިތުރުކުރެވެމުން ކަމަށެވެ. އެހެން ނަމަވެސް އަދިވެސް ކުރަންޖެހޭ ގިނަކަންތައްތަކެއް އެބަހުރި ކަމަށާއި، މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުމަށްޓަކައި، މިހާރަށްވުރެ ވެސް ފުދުންތެރި ކައުންސިލްތަކަކަށް ބަދަލުކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ %5 ކަމަށާއި، އޭގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ %40ކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ ގޮތްތަކެއް އިންތިޒާމް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ ފަހުން އުކުޅަހުގައި ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައިވެސް އަދި މި ކޮންފަރެންސްގައިވެސް އެންމެ ބޮޑަށް ވާހަކަދެކެވި މަޝްވަރާކުރެވިފައި ވަނީ، މާލީ ގޮތުން ހުރި ދަތިތަކާއި ގުޅޭ ގޮތުން ކަމަށެވެ. އަދި މިކޮންފަރެންސް ނިމިގެންދާއިރު ބިނާކުރެނިވި މުހިންމު ވާހަކަތަކެއް ދެކެވި މަޝްވަރާކުރެވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.