ރ. އަނގޮޅިތީމުގައި "ހޭންޑިކްރާފްޓް އެގްޒިބިޝަން"ގެ ނަމުގައި އަތްތެރި މަސައްކަތް ދައްކުވައިދޭ މަޢުރަޒެއް ބާއްވައިފިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ބާއްވާ މިމަޢުރަޒަކީ ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޢުރަޒެކެވެ.
ރ. ޓުއަރިޒަމް އެކްސްޕޯ 2022ގެ ދަށުން ބާއްވާ މި އެގްޒިބިޝަން ރަސްމީކޮށް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރުގެ ނައިބު އަހުމަދު އާތިފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އަހުމަދު އާތިފް ވިދާޅުވީ މިމަޢުރަޒުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ހޯދައިދިނުންކަމަށެވެ. އަދި އާންމު ރައްޔިތު މީހާއާއި ހަމައަށް ފަތުރުވެރިކަން ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅެއްކަން އާތިފް ފާހަގަކުރެއްވިއެވެ.
"ރ އަތޮޅަކީ ވަރަށް މަސައްކަތްތެރި ބަޔަކު އުޅޭ ރަށެއް. އަޅުގަނޑުގެ އުންމީދަކީ މި އެގްޒިބިޝަނާއިއެކު އަތޮޅުގައި ދިރިއުޅޭ ފަރާތްތަކުގެ މިއަތްތެރިކަމުގެ މަސައްކަތް ފުޅާވެގެންދާނެކަމަށް" ޓޫރިޒަމް މިނިސްޓަރުގެ ނައިބު އަހުމަދު އާތިފް ވިދާޅުވިއެވެ.
މިމަޢުރަޒުގައި ރ. އަތޮޅުގެ އެކި ރަށްތަކުން ބައިވެރިވެ އަތްތެރި މަސައްކަތްތުގެ ހުނަރުތައްވަނީ ދައްކާލާފައެވެ. އިހުޒަމާނުގެ އާދަކާދައާއި ކާބަފައިންގެ ދިރިއުޅުން ހުރި ގޮތް ދައްކުވައިދޭ ތަފާތު މަސައްކަތްތައް މި މަޢުރަޒުން ފެނިގެންދިޔައެވެ. އޮޑި ދޯނި ފަހަރާއި ތަފާތު އެކި ވައްތަރުތަކުގެ ކާތަކެތިވެސް މި މަޢުރަޒުން ފެނިގެންދިޔައެވެ. މިއިން ކޮންމެ އުފެއްދުމަކީވެސް ދިވެހި އުފެއްދުމެކެވެ. އަތްތެރި މަސައްކަތްތަކުގައި ބޭނުންކޮށްފައިވަނީ އިހު ޒަމާނުގެ އާލާތްތަކެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އަނގޮޅިތީމް ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިފަދަ މަޢުރަޒެއް މިހާ ފުރިހަމަކޮށް ބޭއްވިގެންދާތީ އެކަމާ ވަރަށް އުފާކުރައްވާކަމަށެވެ. އަދި މިއީ މުޅި އަތޮޅަށްވެސް އޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ.
"މި އެގްޒިބިޝަނަށް އަޅުގަނޑުމެން ތައްޔާރުވަމުން އަންނަތާ ވަރަށް ދުވަސްވެއްޖެ. މުޅި ރ. އަތޮޅުގެ އަތްތެރިކަމުގެ މަސައްކަތް އެގްޒިބިޝަނުން ފެނިގެންދާނެ. އަދި މިކަން މިހާ ފުރިހަމައަށް ކާމިޔާބުވެގެންދާތީ ވަރަށް އުފާކުރަން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިމައުރަޒް ފެށުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީގެ އިސްވެރިންނާ ރ. އަތޮޅު ކައުންސިލް މެންބަރުންވެސްވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އަތޮޅުގެ ގިނަ ރިސޯޓްތަކުންވެސް ވަނީ ބައިވެރިވެފައެވެ.
މިމަޢުރަޒުގެ އިތުރުން ސްކޫލްތަކަށް ޚާއްސަކޮށް ކެރިއަރ ގައިޑެންސް ޕްރޮގްރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ރ. އަތޮޅުގެ ބައެއް ސްކޫލްތަކުންވަނީ ބައިވެރިވެފައެވެ.
މި ހަރަކާތާއި ގުޅިގެން އަނގޮޅިތީމް ސްކޫލްގެ ފަރާތުން ކަލްޗަރަލް ޕްރޮގްރާމެއްވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މުޅި އިވެންޓް ނިންމާލާފައިވަނީ ކަލްޗަރަލް ޝޯއަކުންނެވެ.
ރ. ޓުއަރިޒަމް އެކްސްޕޯ 2022 ގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން ގިނަ އެވޯޑްތަކަކާއިއެކު ގާލާ ނައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކާއި އެކްސްޕޯގެ ޗެލެންޖުތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެވޯޑް ލިބިގެންދާނެއެވެ.