ޚަބަރު

ކަނޑުގެ ދިރާސާގައި ހަރަކާތްތެރިވާ ސައިންސްވެރިންނާއި ދިވެހި ޓީމު ގުޅިއްޖެ


ރާއްޖޭގެ ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ޑައިވްކޮށްގެން ކުރިއަށްގެންދާ ދިރާސާތަކުގައި ބައިވެރިވާ ދިވެހި ޓީމު ބޭރުގެ ސައިންސްވެރިންގެ ޓީމާއި ގުޅިއްޖެއެވެ.

ރާއްޖޭގެ ޓީމު ބޭރުގެ ސައިންސްވެރިންގެ ޓީމާއި ގުޅިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި މީގެކުރިން ހިންގާފައި ނުވާފަދަ ބޮޑު ދިރާސާއެއް ކުރަން ފަށާފައިވަނީ ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާރޗް އިންސްޓިޓިއުޓެއް ކަމުގައިވާ ނެކްޓަންއާއި ގުޅިގެންނެވެ.

މިދިރާސާގައި ބައިވެރިވާ ދެ ދިވެހިންކަމަށްވާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނައީމްއާއި ނެކްޓަން މޯލްޑިވްސްގެ ރިސާރޗް އެސިސްޓަންޓް ފަރާހް އަމްޖަދު ވަނީ ހުކުރުދުވަހު ނެކްޓަރ މިޝަންއާއި ގުޅިފައެވެ.

ޝާފިޔާއާއި ފަރާހްގެ އިތުރުން ރާއްޖޭގެ ކަނޑު އަޑީގެ ޙަގީގަތް ހޯދުމަށް ފުރަތަމަ އަޑިއަށް ދާ ޓީމުގައި ދެން ހިމެނެނީ މިދިރާސާގައި ބޭނުންކުރާ ސަބްމާރސިބަލްގެ ޕައިލަޓް ކިމްލީ ޑޯކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން މަޢުލޫމާތުދެއްވައެވެ.

މޫސުމީ ބަދަލުތަކާއި ރާއްޖޭގެ ސަތަޙާއިގެ ގޮތުން ބޮޑުކަނޑުގެ ސަރަޙައްދާއި ސީދާގޮތުން ގުޅުން އޮތްނަމަވެސް ރާއްޖޭގެ ކަނޑުތަކާއި ގުޅޭގޮތުން މާބޮޑެތި ދިރާސާތަކެއް މީގެކުރިން ކުރެވިފައެއް ނުވެއެވެ. ޢާއްމުގޮތެއްގައި ހެދިފައިވަނީ ފަރުތަކާއި 50 މީޓަރަށްވުރެ މަތީގައި އުޅޭ ބައެއް ބާވަތްތަކުގެ ކަނޑުގެ ދިރުންތަކާއިގުޅޭ ދިރާސާތަކެވެ. އެހެންނަމަވެސް ފުރަތަމަ ފަހަރަށް ރާއްޖޭގެ ތާރީޚު ބަދަލުކޮށްލާ ފަދަ ދިރާސާއެއް ކަނޑު އަޑީގެ 1000 މީޓަރު އަޑިއަށް ގޮސްގެން ކުރަން މިހާރުމިވަނީ ފަށާފައެވެ.

ސަބްމާރސިބަލް ޑައިވްތަކުގައި ކަނޑުތަކުގެ ދިރުންތަކާއި ގުޅޭ އިތުރު ހޯދުންތައް ހޯދާނެއެވެ. މި ހޯދުންތަކާއެކު ކަނޑުގެ ވެއްޓާއި ދިރުންތަކުގެ ތެރެއިން ފުރިހަމައަށް ޙިމާޔަތްކުރަން ޖެހޭކަމާއި ބާވަތްތައް އެނގިގެންދާނެކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ވިދާޅުވެއެވެ. މިހާތަނަށް ހޯދިފައިވަނީ ރާއްޖޭގެ ކަނޑުގެ މަތީ ފަށަލައިގައި އުޅޭ 40 ވައްތަރެއްގެ މިޔަރާއި 18 ވައްތަރުގެ މަޑިއާއި ގުޅޭ މަޢުލޫމާތެވެ. މިހާރު ކުރަމުންދާ ދިރާސާއަށްފަހު ފުރަތަމަ ފަހަރަށް ރާއްޖޭގެ ކަނޑު އަޑީގައި އުޅޭ ގިނަ ދިރުންތަކުގެ މަޢުލޫމާތު ލިބިގެންދާނެކަމަށް މެރިން ރިސަރޗް އިންސްޓިޓިއުޓްއިން ލަފާކުރެއެވެ.

މިދިރާސާގައި މީގެ 20000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް"ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރުގެ ފުނުން ފެންނާނެ ކަމަށް ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާކުރަމުންދާ މިޝަންގެ ސައިންސްވެރިން ލަފާކުރެއެވެ. ހަމައެއާއެކު ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެތަކެތި ހޭނެމުންދާގޮތް ދިރާސާ ކުރުމަށް މި މިޝަންގެ ތެރެއިން ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑު އަޑީގައި ހުންނަ 34 ފަރުބަދައިގެ މަޢުލޫމާތުވެސް އެއްކުރުމަށްވަނީ ހަމަޖެހިފައެވެ.

މިމިޝަންގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ ދެ ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ދަނީ ބޭނުންކުރަމުންނެވެ. މި މިޝަންގައި ޖުމްލަ 40 ފަރާތަކުން ބައިވެރިވެއެވެ. އެއީ 16 ދިވެހިންނާއި 24 ބައިނަލްއަޤްވާމީ ޕާޓްނަރުންނެވެ. މިދިރާސާގައި މަޢުލޫމާތު އެއްކުރުން އަންނަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހާއިހަމައަށް ކުރިއަށްދާނެއެވެ.