ޚަބަރު

އެންޖެލީނާގެ ކުންފުނިން ބްރެޑް ޕިޓް ޖޫރިމަނާކޮށްފި


ހޮލީވުޑް މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީގެ ކުރީގެ ކުންފުނިން ބްރެޑް ޕިޓް 250 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށްފިއެވެ.

ޕިޓް އާއި އެންޖެލީނާ ކޯޓުގައި މިހާރުވެސް ކޯޅޭމުންދާ ދަނޑިވަޅެއްގައި އެކުންފުނިން ޕިޓްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ. ޕިޓްގެ ކުރީގެ އަންހެނުން އެންޖެލީނާ ގެ ކުރީގެ ކުންފުނިން ހުށަހަޅާފައިވާ ދައުވާއަކީ ޖޯލީ އުފެއްދި ކުންފުންޏަކުން އެދެމީހުން އެކުގައި ގަތް ފްރާންސުގެ ވައިން އުފައްދާ ކުންފުނީގެ ކޮންޓްރޯލު ހޯދުމާއި ގުޅިގެންނެވެ.

އެ ދައުވާގައި ބުނެފައި ވަނީ އެ ކުންފުނީގެ ކޮންޓްރޯލު ހޯދުމަށް ޕިޓް އާއި އޭނާގެ އެކުވެރިންގެ ގޭންގަކުން އެދެމީހުން ދެ މަފިރިންގެ ގޮތުގައި ތިބިއިރު ގަނެފައިވާ ކުންފުނި ކޮންޓްރޯލު ކުރުމަށް ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. އަދި މިއީ ދެމީހުންގެ ވަރިއާއި ކުދިންގެ ކަސްޓަޑީގެ މައްސަލަ އެންޖެލީނާ ކޯޓަށް ހުށަހެޅުމުން ބަދަލު ހިފުމުގެ ގޮތުން ޕިޓް ކޮށްފައިވާ ކަމެއް ކަމަށްވެސް އެ ދައުވާގައިވެއެވެ.

ކޯޓުގެ ލިޔެކިޔުންތަކުގައި ތުހުމަތު ކުރެވެނީ ޕިޓް ވައިނަރީ ހިންގަމުން ދިޔައީ އެ ދެމީހުން ވަރިވުމަށް ފަހު ޖޯލީގެ މަޝްވަރާ ނުކޮށް ކަމަށެވެ.

މި ވައިންޔާޑުގެ މައްސަލައިގައި މީގެކުރިން ޕިޓް ވަނީ އެންޖެލީނާ ގޮވައިގެންވެސް ކޯޓަށް ގޮސްފައެވެ. އެންޖެލީނާ އެ ވައިންޔާޑު ވިއްކާލުމާއި ގުޅިގެން ކެލިފޯނިއާގެ ކޯޓަކަށް ބްރެޑް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެ ވައިންޔާޑް އަކީ ދުވަހަކު ވެސް ވިއްކާ ނުލުމަށް ދެމީހުން އެއްބަސްވެފައިވާ ތަނެއް ކަމަށެވެ. އަދި ވިއްކާލާނަމަ އެކަކު އަނެކަކުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށާއި އެކަންތައް ކޮށްފައިވަނީ ބްރެޑްގެ ހުއްދައާ ނުލާ ކަމަށް އޭނާގެ މައްސަލައިގައި ބުނެފައިވެ އެވެ.

އެ ދެމީހުން އެ ވައިންޔާޑް ގަތީ 28 މިލިއަން ޑޮލަރަށެވެ. އަދި ބްރެޑް ހުށަހެޅި މައްސަލައިގައި ބުނާގޮތުން އެ ވައިންޔާޑު ގަތުމުގެ ހަރަދުގެ 60 ޕަސެންޓު ދެއްކީ އޭނާ އެވެ. އެންޖެލީނާ އާއި ބްރެޑް 2016 ވަނަ އަހަރުގައި ވަރިވުމަށް ފަހު ދެމީހުން އަދިވެސް އަންނަނީ ކޯޓު ދަތުރުތައް ކުރަމުންނެވެ.