ބ. އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކުޅިވަރާ ބެހޭ ވުޒާރާއިން މި މަސައްކަތް ހަވާލުކުރީ ތްރީ ޓްރީ މޯލްޑިވްސް ކިޔާ ދިވެހި ކުންފުންޏަކާއެވެ. މި ދަނޑު ތަރައްގީކުރާނީ އެ ރަށުގައި އަލަށް ހިއްކާފައި އޮތް ބިމުގެ ހުޅަނގު ފަރާތުގައި ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
އޭދަފުށީ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާ ބައްދަލުކޮށް ޒުވާނުން ބޭނުންވާ ކަންތަކަކުގެ ތެރޭގައި އެ ރަށުގައި ސަރުކާރުން އެޅުމަށް ބަޖެޓް ކޮށްފައި އޮތް މި ފުޓްސަލް ދަނޑުގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ އެކަން ވަނީ ރައީސްގެ ސަމާލުކަމަށް ގެނަސްފައެވެ. އަދި މިކަމުގެ އަމަލީ މަސައްކަތް ލަސްނުކޮށް ފަށާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ވަނީ މި ބައްދަލުވުމުގައި ކައުންސިލް މެންބަރުނަނަށް ދެއްވާފައެވެ.
މި މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަސައްކަތް ތްރީ ޓްރީ މޯލްޑިވްސްއާ ކުޅިވަރާ ބެހޭ ވުޒާރާއިން ހަވާލުކޮށްފައިވަނީ 1.4 މިލިޔަން ރުފިޔާއަށެވެ. އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އަޅާއިރު، އެ ރަށުގައި 2015 ވަނަ އަހަރު ގާއިމުކުރި ފުޓްސަލް ދަނޑު ބޮޑުކޮށް، ޓާފް އެޅުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ.
އޭދަފުށީގައި އިތުރު ފުޓްސަލް ދަނޑެއް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހި ކުންފުންޏަކާ ހަވާލުކުރިއިރު، ހޯމަ ދުވަހު އެ ވުޒާރާއިން ވަނީ ގއ. ކަނޑުހުޅުދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓެއް ތަރައްގީކުރުމުގެ ޓްރިޕަލް އެއިޓް ކުންފުންޏާއެކު އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި މަސައްކަތް 39 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭއިރު، މި މަސައްކަތުގެ އަގު 1.2 މިލިޔަން ރުފިޔާއަށް އަރައެވެ.