ސްކޫލުތަކަކީ ދަރިވަރުންގެ ތައުލީމ ހަޔާތުގެ ފުރަތަމަ ބިންގަލަށްވާއިރު، ސްކޫލުތަކާއި ގުޅޭގޮތުން ސިޔާސީ މަންފާ ހާސިލްކުރުމަށް، މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސްދޭއްގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ހަމަޖެއްސުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޮޑު އާބާދީއެއް އޮތް ފޭސް ދޭއްގައި މީހުން ދިރިއުޅެން ބިނާކުރި އިމާރާތްތައް ފިޔަވައި އެހެން އެއްވެސް ބިނާއެއް އެތަނުގައި އިމާރާތް ކުރެވިފައި ނުވެއެވެ. ފޭސް ދޭއްގައި މީހުން ދިރިއުޅެން ފަށާފައިވާއިރު އޮތް އެންމެ ބޮޑު ދައްޗަކީ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުން މާލެއަށް ކިޔަވަން އަންނަންޖެހުމެވެ.
ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިން ކުރަންޖެހޭ ދަތުރުތައް ގިނަވުމަކީވެސް އާއިލާތަކުން އުފުލަންޖެހޭ ބޮޑު ތަކުލީފެކެވެ. މިކަމަށް ހައްލު ގެނައުމަށްޓަކައި ހުޅުމާލޭ ފޭސް ދޭއްގައި އަޅަމުންދާ ދާއިމީ ސްކޫލުތައް އަންނަ އަހަރު ޖެނުއަރީ ނިމުމުގެ ކުރިންވެސް ވަގުތީ ސްކޫލެއްގައި ކިޔެވޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. މިސްކޫލަކީ ގާތް ގަޑަކަށް 4 ވަރަކަށް މަސްދުވަހަށް ދަރިވަރުން ތައުލީމް ހާސިލްކުރާނެ ސްކޫލެކެވެ. ފޭސް ދޭއްގައި މިހާރު އަޅަމުންދާ ދެ ސްކޫލުގެ ތެރެއިން ސޮލާހުއްދީން ސްކޫލް ނިންމައި ޖެނުއަރީ މަހު ހުޅުވާއިރު، އަލަށް ހުޅުވި ވަގުތީ ޕްރީ ސްކޫލުގައި ކިޔަވާ ދަރިވަރުން އެސްކޫލަށް ބަދަލު ކުރެވިގެންދާނެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވި “ކާމިލް ދީދީ ޕްރައިމަރީ ސްކޫލް" އަކީ ވަގުތީ ސްކޫލެއް ނަމަވެސް އެސްކޫލުގައި ދަރިވަރުންނަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ. އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަހުމަދު މުޖާހިދު ވިދާޅުވީ، ކާމިލް ދީދީ ޕްރީ ސްކޫލު ހުޅުވިގެން ދިއުމުން ހިޔާ ފްލެޓްގައި ދިރިއުޅޭ ޕްރީ ސްކޫލު ދަރިވަރުންގެ ބެލެނެވެރިންނަށާއި، ސްކޫލުގެ މުވައްޒަފުންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
"ވަގުތީގޮތުން ގާއިމް ކުރެވުނު ސްކޫލެއް ކާމިލް ދީދީ ޕްރީ ސްކޫލަކީ. ވަގުތީ ގޮތުން ގާއިމް ކުރެވުނަސްވެސް، މި ސްކޫލުގައި ޕްރައިމަރީ ސްލޫލަކަށް ބޭނުންވާ ހުރިހާ ޚިދުމަތްތައް އެހެން އެއްވެސް ސްކޫލެކޭ ތަފާތެއްނެތި ލިބެން ހުންނާނެ." މުޖާހިދު ވިދާޅުވިއެވެ.
ސްކޫލުތަކުގައި ހުންނަ މައްސަލަތަކާއި، ދަތިތަކަށް ހައްލު ގެނައުމަކީ މިނިސްޓްރީން ޚާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެކެވެ. އެގޮތުން 2015 ވަނަ އަހަރު ދަނގަޑުން އިމާރާތް ކުރި ދަރުމަވަންތަ ސްކޫލުގެ ވަގުތީ އިމާރާތް ހޫނުވެ ކުރަމުންދިޔަ ޝަކުވާތަކާއި ގުޅިގެން މިސަރުކާރުންވަނީ އެސްކޫލުގެ ކްލާސްރޫމްތައްވެސް އޭސީކޮށް އެކަންބޮޑުވުންތަކަށްވެސް ހައްލު ގެނެސްދީފައެވެ. އަދި މިދިރާސީ އަހަރުގައި ދަރުމަވަންތަ ސްކޫލުގެ ބޮޑު ރީތި އިމާރާތަކަށް ބަދަލުވެގެންދާނެކަމަށްވެސް މުޖާހިދު ވިދާޅުވިއެވެ.
ސްކޫލުތަކަކީ ހުރިހާ ދަރިވަރުންވެސް ތައުލީމް ހާސިލްކުރާ ތައުލީމީ ބިންގާ ކަމަށްވާއިރު، ސްކޫލުތަކާއި ގުޅޭގޮތުން އެއްވެސް ހާލަތެއްގައި ސިޔާސީ މަންފާ ނަގައި ސިޔާސީ ވާހަކަ ދެއްކުމަކީ އެކަމުން ނޭދެވޭ ކަންކަން ކުރިމަތިވާނެ ކަމެއްކަމަށް މުޖާހިދު ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަތައް ދެއްކުމަކީ ހިތާމަހުރި ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ތައުލީމީ ދާއިރާގެ ކަންކަން ސްކޫލްތަކުގެ ކަންތައްތައް ސިޔާސީ ނުކުރުން. ހަގީގަތުގައި ސްކޫލުތަކުގައި ކިޔަވަނީ ހުރިހާ ދަރިވަރުން. ހުރިހާ ގޭބިސީއެއްގެ ދަރިވަރުންވެސް ސްކޫލުތަކަށް އެބަދޭ. އެގެއިން ކުއްޖެއް މިގެއިން ކުއްޖެއް މިހުރިހާ ކުދިން އެއްތަނަކަށް ގޮސްސަ ކިޔަވާ، ރަނގަޅު އަޚްލާގާއި ސްކޫލު ދަސްކުރާތަނެއް ސްކޫލަކީ. އެހެންވީމާ ސްކޫލުތަކާއި ގުޅޭގޮތުން އެކަހަލަ ވިޔާނުދާ ވާހަކަ ދެއްކުމަކީ ހަގީގަތުގައިވެސް އަޅުގަނޑުމެން ވަރަށް ދެރަވާކަމެއް" މުޖާހިދު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ހުޅުމާލޭގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން އިތުރު 6000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ މިސްކޫލުތައް މިފެށޭ އަހަރުގެ ކުރީކޮޅު ހުޅުވުމަށެވެ.