ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ އާރަށުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒިޔަތުގެ ހެކިބަސް ނެގުމަށް މިއަދަށް ތާވަލް ކުރި އަޑު އަހުން ކެންސަލް ކޮށްފިއެވެ.
އާރަށު މައްސަލާގައި އަދީބާއި، ޒިޔަތުގެ ހެކިބަސް ނެގުން ތާވަލް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ޤާޒީ އަހުމަދު ޝަކީލް ޗުއްޓީގައި ހުންނެވުމުން ވަނީ އެދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުގައި ޝަރީއަތް ތާވަލް ކޮށްފައިވަނީ ހެދުނު 9:30 އަށެވެ. މިއަދުގެ ޝަރީއަތް ކެންސަލް ކޮށްފައިވަނީ ޝަރީއަތް ބާއްވަން ހަމަޖެއްސި ކޯޓު ރޫމުގައި ޝަރީއަތް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުންނެވެ.
ވ. އާރަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވިކަމުގެ ތުހުމަތުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރކުރުމާއި ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ދައުވާކޮށްފައެވެ.
ވ.އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުވާކުރާ މައްސަލާގައި ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު ނާޒިމާއި، ކުރީގެ ނައިބް ރައީސް އަދީބުގެ ޑްރައިވަރު މުހައްމަދު ހުސެއިންގެ ހެކިބަސްވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ނަގާފައެވެ.
ވ.އާރަށު މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މޭސްތިރިއަކީ ޔާމީންކަމަށާއި އެޚިޔާނާތް ހިންގާކަން ޔާމީނަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަން ފަށާފައިވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންތާ 6 މަސް ވިތަނާކަމަށާއި ދައުލަތުގެ ފައިސާއަށް ރައީސް ޔާމީން ޚިޔާނާތްތެރިވީ 2018ގެ ރިޔާސީ އިންތިޚާބު ކެމްޕެއިން ދުވަސްވަރު އެކި ވިޔަފާރިވެރިން އަތުން ނެގި ލޯންތައް އަދާކުރުމަށްކަމަށެވެ. ދައުލަތުގެ މި ދައުވާއަށް ރައީސް ޔާމީނާއި ޔޫސުފް ނައީމްވެސް ވަނީ އިންކާރުކޮށްފައެވެ.