ޚަބަރު

ތޮއްޖެހުން ބޮޑު މާލެއަށް މިނީ ބަހުގެ ޚިދުމަތް ފެށުން، އަގުހެޔޮ ފަސޭހަ ޚިދުމަތެއް


ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީ އަސާސީ ޚިދުމަތެކެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައިވެސް އާންމު ދަތުރުފަތުރުގެ ނިޒާމެއް ނުވަތަ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ދެމުން ގެންދެއެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް މި ޚިދުމަތް ފެށިފައި ނުވިނަމަވެސް، އެއީ ގިނަ ރައްޔިތުން އިންތިޒާރުކުރަމުން އައި ޚިދުމަތެކެވެ. ރާއްޖެއަކީ ނިސްބަތުން ދަތުރުފަތުރު އަގު ބޮޑު ޤައުމެކެވެ. އެހެންކަމުން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތެއް ފެށުމަކީ، ރައްޔިތުން ދަތުރުފަތުރަށް ކުރަމުން އައި ހޭދަ އެތައް ގުނައެއް ކުޑަކޮށްދޭނެ ޚިދުމަތަކަށްވާނެއެވެ.

ދިވެހިން އެތައް ޒަމާނެއްވަންދެން އުފުލަމުން އައި މި ތަކުލީފަށް ނިމުމެއް ގެނައުމުގެގޮތުން ސަރުކާރުން ވަނީ މުޅި ރާއްޖޭ ދަތުރުފަތުރުން ގުޅުވާލުމުގެ މަސައްކަތް ފަށާފައެވެ. އެކަމަށްޓަކައި އުފެއްދެވީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރުޓީއެލް)ގެ ޚިދުމަތެވެ. ކަނޑުމަގުން ރާއްޖޭގެ ރަށްތައް ގުޅުވާލުމުގެ މަސައްކަތް ފެށުމުގެ އިތުރުން އެއްގަމު މަގުންވެސް ރައްޔިތުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުފަތުރުކުރުމަށް މި ޚިދުމަތް ދަނީ ފުޅާކުރަމުންނެވެ. ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތަކަށް ރައްޔިތުން އެދިއެދި ތިއްބައި، މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކޮށް، އާއްމުންނަށް ބަރޯސާ ވެވޭ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްގެ ވާހަކަ ގެނެސްދިނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހުއެވެ.

މިގޮތުން ތޮއްޖެހުން ބޮޑު މާލޭގައިވެސް މިވަނީ މި ޚިދުމަތް މިހާރު ފަށާފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ވަނީ މާލޭގެ ހަނި މަގުތަކުގައި ދުއްވޭގޮތަށް މާލެއާއި ރައްޓެހި ބަސްތަކެއް ގެނެސް ދަތުރުތައް ފަށާފައެވެ. ފުރަތަމަ ދެ ހަފްތާގައި ކުރިއަށް މިދަނީ ޓެސްޓް ދަތުރުތަކެވެ. މި ދަތުރުތަކަށް އެއްވެސް ފީ އެއް ނުނަގައެވެ.

މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ ރައްޔިތުން އަތްފޯރާ އަގެކެވެ. އެއީ 7 ރުފިޔާއެވެ. ބަހުގެ ޚިދުމަތުގައި ސްކޫލް ކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި 3 އަހަރުން ދަށުގެ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ. މިއީވެސް ބެލެނިވެރިންނާއި އާއްމު ރައްޔިތުންނަށްވެސް ލިބޭ ބޮޑު ލުޔެކެވެ.

ބަހުގެ ރޫޓްތައް ކަނޑައަޅާފައިވާގޮތުން، ސްކޫލަށް ދާ ކުއްޖާއާ އޮފީހަށް ނުވަތަ ހޮސްޕިޓަލަށް ދާ މީހާ، ދިހަ މިނެޓަށްވުރެ ކުޑަ ވަގުތުކޮޅަކުން ހިނގާފަ ދެވޭހާ ކައިރިއަށް ބަސް މަޑުކުރާނެއެވެ. އެއީ އެންމެ ދުރު ހިސާބުތަކަށެވެ. ނަމަވެސް ރޫޓްތައް ކަނޑައެޅިފައިވާގޮތުން، އާއްމު ޚިދުމަތްތައް ޤާއިމުވެފައިހުރި ތަންތަނާ ވަރަށް ކައިރީގަވެސް ބަސް ސްޓޮޕްތައް ވަނީ ޤާއިމުކޮށްފައެވެ.

މި ބަސް ރޫޓްތަކުން ހެންވޭރުން މާފަންނަށް ފަސޭހަކަމާއެކު ގުޅާލަދެއެވެ. ކޮންމެ ބަސް ސްޓޮޕެއްގެ ދެމެދުގައި ހުންނާނީ ފަސްވަރަކަށް މިނެޓުން ހިނގާފަ ދެވޭހާ ދުރުމިނެވެ.

ބަހުގެ ޚިިދުމަތް ދަންވަރުގެ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައި ލިބޭނެއެވެ. އެގޮތުން ބަސް ދަތުރުތައް ފަށާނީ ފަތިހު 5:45އިންނެވެ. އަދި އެންމެ ފަހު ދަތުރު ކުރާނީ ދަންވަރު 12:15 ގައެވެ. މި ގަޑިތަކުގައި ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕަށް ބަސް މަޑުކުރާނެއެވެ.

ބަހުގެ ޚިދުމަތަކީ އާއްމުންނަށް ބަރޯސާ ވެވޭ، ދެމެހެއްޓެނިވި ޚިދުމަތަކަށް ހެދުމަކީ އެމްޓީސީސީގެ އެންމެ ބޮޑު އެއް އަމާޒެވެ. އެގޮތުން ގޭގައި ތިބެގެން ބަހުގެ ޓިކެޓް ނެގޭނެ އިންތިޒާމް ހަމަޖެއްސުމަށް "ކިއު.އާރް ޓިވެޓިންގ"ވެސް މިވަނީ ތަޢާރަފްކޮށްފައެވެ. މިގޮތަށް ނަގާ ޓިކެޓް ނެގުމަށްފަހު، 7 ދުވަހުގެ މުއްދަތަކަށް ބޭއްވޭނެއެވެ.

ގްރޭޓަރ މާލެ އޭރިޔާގައި ފެށިގެންމިދިޔަ މިނީ ބަހުގެ ޚިދުމަތަކީ އާންމުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ. ކާރޫބާރޫ ބޮޑެތި މަގުތަކުގައި ފަސޭހަކަމާއެކު އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ނިޒާމް ފަހިވެގެންދާނެއެވެ.

މި ޚިދުމަތް ފެށުމަށް މާލޭގައި 18 ބަސް ދުއްވާނެ އެވެ. އޭގެ ތެރެއިން 8 ބަހަކީ ފުރޮޅުލީ ގޮނޑީގައި ވެސް އެރޭނެ ގޮތަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ބޭނުންކުރެވޭނެ ގޮތަށް ހުރި ބަސްތަކެކެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ބަހުގެ ރޫޓު ހިމެނޭ މަގުތަކުގައި އިތުރު ޕާކިން ޤާއިމުކޮށް މަގުމަތީގައި ޕާކުކުރުންވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް މިވޭތުވެދިޔަ ދުވަސްތަކުގައިވެސް މިމަގުތަކުގެ ބައެއް ސަރަޙައްދުތަކުގައި ހަތަރުފުރޮޅުލީ އުޅަނދުތައް މަޑުކޮށްގެން ތިބޭކަން ފުލުހުންނަށް ފާހަގަވެފައިވާތީ އެގޮތަށް ޢަމަލުނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަސް ދުއްވާ މަގުތަކުގައި އުޅަނދުތައް މަގުމަތީގައި މަދުންނަމަވެސް ޕާކުކުރާކަން ފާހަގަވެފައިވާތީ އެގޮތަށް އެއްވެސް ގަޑިއެއްގައި ޢަމަލުނުކުރުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮންމެއަކަސް ކުޑަ އަގެއްގައި ބޭނުންކުރެވޭނެ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތާއެކު ގޭބަންދުގައި ތިބި އެތައް ބަޔަކަށް މާލެތެރެއަށް ނުކުމެލަން ފުރުޞަތު ލިބޭނެއެވެ. މި ޚިދުމަތާއެކު އަމިއްލަ ޖީބުން ދަތުރުފަތުރަށް ކުރަމުން އައި ބޮޑު ހޭދަ ކުޑަވެގެންދާނެއެވެ.