ރަންބީރު ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ބްރަހްމާސްތްރާ" ގައި މުހިއްމު ރޯލެއް ކުޅެން ރިތިކް ރޯޝަނަށް ހުށަހެޅި ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ރިތިކް އަށް ހުށަހެޅީ ބްރަހްމަސްޓްރާ 2 ގެ ލީޑް ރޯލެވެ. ނަމަވެސް ޚަބަރުތައް ބުނާގޮތުން ރިތިކް މިހާރު ވަނީ މި ފިލްމު ދޫކޮށްލާފައެވެ.
ރިތިކް މިހާރުވެސް ދަނީ ވިޝުއަލް އިފެކްޓްސްތައް ގިނަ ދެ ފިލްމު ކަމަށްވާ "ކްރިޝް 4" އާއި "ރާމަޔާނާ" ގެ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މި ދެ ފިލްމުގެ މަސައްކަތް ކުރަމުން އަނެއްކާވެސް ބޮޑު އެހެން ފިލްމަކަށް ވަގުތު ނުދެވޭނެ ކަމަށް ރިތިކް ވަނީ ބުނެފައެވެ.
މި ފިލްމު ރިތިކް ދޫކޮށްލުމުން "ބްރަމަސްތްރާ" ގެ ޓީމުން މިހާރު އަންނަނީ އެ ރޯލަށް އެހެން ތަރިއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އަންނަ ހުކުރު ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމު "ބުރައްމަސްތުރާ" އަކީ މިހާތަނަށް ބޮލީވުޑްގައި ހެދި އެންމެ އަގުބޮޑު އެއް ފިލްމުވެސްމެއެވެ.
މަސައްކަތް އެއްކޮށް ނިންމަން 4 އަހަރު ދުވަސް ނެގި ފިލްމަށް މިހާތަނަށް ޖުލްމަ 410 ކްރޯޑް ރުޕީސް (51.5 މިލިއަން ޑޮލަރު) ހޭދަވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. މިއީ ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭން ނިންމާފައިވާ ޓްރިލޮޖީއެއްގެ ފުރަތަމަ ބަޔެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބުރައްމަސްތުރާ: ޕާޓް ވަން - ޝިވާ" ދެ ތަރިންނަކީ ދެމަފިރިން ކަމަށްވާ ރަންބީރާއި އާލިއާ އަށް ވީއިރު، މިއީ ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމު ވެސް މެއެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި އަމީތާބް ބައްޗަން، މޯނީ ރޯއި، ނާގުރްޖުނާ އަކިނޭނީ އަދި ޑިމްޕަލް ކަޕާޑިއާ ހިމެނެ އެވެ. މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެންނާނެއެވެ.