ޚަބަރު

"ސްޓޫޑެންޓް އޮފް ދަ އިޔަރ" އަށް ކްރިތީ އޮޑިޝަން ދިން


ކަރަން ޖޯހަރު ހޯސްޓު ކުރާ ސެލެބްރިޓީ ޓޯކް ޝޯވ "ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަންގެ ކުރިއަށްއޮތް އެޕިސޯޑުގައި ބައިވެރިވާނީ 2014 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ހީރޯޕަތީ" އިން ބޮލީވުޑަށް ތަޢާފުވި ޒުވާން ދެ ތަރިން ކަމަށްވާ ކްރިތީ ސެނޮން އާއި ޓައިގާ ޝްރޮފްއެވެ.

މި އެޕިސޯޑުގެ ޕްރޮމޯ މިހާރު ކަރަން ދައްކާލާފައިވާއިރު، މިއީ ބެލުންތެރިންގެ ވަރަށް ޝައުގުވެރިވާނެ އެޕިސޯޑަކަށް ވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން މިއީ "ހީރޯޕަތީ"ގެ ޖޯޑު އެކުގައި "ކޮފީ ވިތު ކަރަން" އިން ފެންނާނެ ފުރަތަމަ ފަހަރެވެ.

ޕްރޯމޯގައި ކަރަން ވަނީ "ހީރޯޕަތީ" ގެ ކުރިން އެއްވެސް ފިލްމަކުން ރިޖެކްޓު ކުރިތޯ ކްރިތީ އާއި ސުވާލުކޮށްފައެވެ. ޖަވާބުގައި ކްރިތީ ބުނީ ކަރަންގެ "ސްޓޫޑެންޓް އޮފް ދަ އިޔަރ"ގެ ފުރަތަމަ ބަޔަށް އޭނާވެސް އޮޑިޝަން ދިންކަމަށެވެ. އެއީ އޭނާގެ މޮޑެލިންގް ކެރިއަރުގެ ވަރަށް ކުރީކޮޅު ދިން އޯޑިޝަނަކަށް ވުމުން އެއްވެސް ވަރަކަށް އޮޑިޝަނަށް ތައްޔާރުނުވެވި ހާސްވެ ބިރުން ގަނެފަ ހުރި ކަމަށް ކްރިތީ ވަނީ ބުނެފައެވެ.


ޝޯވގެ ތެރެއިން ރަންވީރު ސިންގުގެ ކިބައިން ޓައިގާ ހަސަދަވެރިވާނީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން އޭނާ ބުނީ ރަންވީރުގެ އަންހެނުން ނާއި ހެދި ކަމަށެވެ. ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން އަކީ ވަރަށް ހުނަރުވެރި އަދި ރީތި ތަރިއެއްކަމަށް ޓާއިގާ ވަނީ ބުނެފައެވެ.

"ކޮފީ ވިތު ކަރަން" ގެ 7 ވަނަ ސީޒަންގައި މިހާތަނަށް ބައިވެރިވެފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި އާލިއާ ބަޓް، ރަންވީރު ސިންގް، އަކްޝޭ ކުމާރު، ސަމަންތާ ރޫތު ޕްރަބޫ، ޖާންވީ ކަޕޫރު، ސާރާ އަލީ ޚާން، އަނަންޔާ ޕަންޑޭ، ވިޖޭ ދޭވެރަކޮންޑާ، އާމިރު ޚާން، ކަރީނާ ކަޕޫރު، ޝާހިދު ކަޕޫރު، ކިއާރާ އަދުވާނީ، އަރްޖުން ކަޕޫރު، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް އަދި ސިދާތު މަލްހޯތުރާއެވެ.

ކްރިތިއާއި ޓައިގާއާއެކު މި ޝޯވގެ 9 ވަނަ އެޕިސޯޑު ޑިޒްނީ ޕްލަސް ހޮޓްސްޓަރ އިން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 1 ވާ ބުރާސްފަތި ދުވަހުއެވެ.