ޚަބަރު

"ޑޮން 3" ކުޅެން ޝާހު އެއްބަހެއްނުވި


2018 ވަނަ އަހަރު ދެއްކި "ޒީރޯ" ގެ ބޮޑު ނާކާމިޔާބީއަށްފަހު ބޮލީވުޑް ތަރި ޝާހުރުކް ޚާން ދިޔައީ ބޮޑު ބްރޭކަކަށެވެ. އޭގެފަހުން ދެން ކުޅޭނެ ފިލްމަކާމެދު ވިސްނަން ޝާހުއަށް ވަރަށް ވަގުތުވެސް ނެގިއެވެ.

2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސައުތު ޑައިރެކްޓަރު އަތްލީއާއެކު ޝާހު އަނެއްކާވެސް އެހެން ފިލްމެއްގެ މަސައްކަތް ފެށިއެވެ. "ޖާވާން" ގެ ނަމުގައި އިއުލާނުކުރި މި ފިލްމަށް ޝާހު ސޮއި ކުރުމަށްފަހު ޔަޝް ރާޖް ފިލްމްސްގެ "ޕަތާން" އާއި ރާޖްކުމާރް ހިރާނީގެ "ޑަންކީ" އަށް ވެސް ޝާހު ވަނީ ސޮއިކޮށްފައެވެ.

"ޕަތާން" ގެ ޝޫޓިން މިހާރު ނިމިފައިވާއިރު، މިއީ 2023 ވަނަ އަހަރު ބޮޑު ސްކްރީނަށް އަންނާނެ ބޮލީވުޑްގެ ފުރަތަމަ ފިލްމެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ޝޫޓިންތައް ނިމުމުގެ މަރުހަލާގައި އޮތުމުން ޝާހު ވަނީ 2024 ވަނަ އަހަރު ރިލީޒްކުރާނެ އޭނާގެ ފިލްމުތަކުގެ ސްކްރިޕްޓްތައްވެސް ކިޔަން ފަށާފައެވެ. 2024 ވަނަ އަހަރަށް ޝާހުއަށް ހުށަހެޅި ފިލްމުތަކުގެ ތެރޭގައި "ޑޮން 3" ވެސް ހިމެނެއެވެ. ނަމަވެސް ޝާހު ވަނީ މި ފިލްމު ކުޅެން ދެކޮޅު ހަދާފައެވެ.

"ޑޮން 3" އަކީ ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ސީކުއަލްއެވެ. މި ފިލްމުގެ ފުރަތަމަ ދެ ބައިވެސް ހިޓްވެފައިވާއިރު، ސްޓައިލިޝް ކްރިމިނަލްއެއްގެ ރޯލުން ފެނުނު ޝާހުއަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.

"ޑޮން 3" ކުޅެން ޝާހު ދެކޮޅުހެދި ނަމަވެސް އެއީ ސްކްރިޕްޓް ކަމުނުގޮސްގެން ނޫން ކަމަށާއި ފިލްމު ކާމިޔާބު ވާނެކަން ޝާހުއަށް ޔަގީން ނުވާތީ ސޮއިނުކުރީ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

"ޑޮން"އަކީ މީގެ 44 އަހަރު ކުރިން ހަމަ އެނަމުގައި ނެރުނު އަމީތާބުގެ ކާމިޔާބު ފިލްމު "ޑޮން" އަސްލަކަށް ބަލައިގެން ކުށްވެރިއެއްގެ ސިއްރުތައް ހޯދަން ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ އެކްޝަން ތްރިލަރ ފިލްމެކެވެ.

ފަރްހާން އަޚްތަރު ޑައިރެކްޓްކޮށް 2006 ގައި ނެރުނު "ޑޮން" އާއި 2011 ވަނަ އަހަރު ނެރުނު "ޑޮން-2" ގައި ޝާހުގެ އިތުރުން ފަރުހާނާއި ޕްރިޔަންކާވެސް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ. މި 2 ބަޔަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުޚީބެއް ލިބިގެންގޮސްފައިވެއެވެ.

"ޑޮން-3"ގެ މަސައްކަތްތައް ފެށުމަށްޓަކާ މިހާރު ސްކްރިޕްޓުގެ މަސައްކަތްތައް ނިންމާލާފައިވާއިރު، ޝާހު މި ފިލްމަށް ސޮއިނުކޮށް ދޫކޮށްލުމުން، މީގެ ލީޑް ރޯލު މިހާރު އަރަމުން އަންނަ ތަރި ރަންވީރު ސިންގަށް ހުށަހަޅާފައިވާކަމުގެ އަޑުތަކެއްވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.