ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ މީހުންނަށް ބޭސްފަރުވާ ކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދުމަށް އާސަންދައިގެ ތެރެއިން ފަރުވާ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މިމަޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްއެވެ. މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޭސްފަރުވާގެ ޚިދުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ހިލޭ ލިބެންޖެހޭ ޚިދުމަތެއްކަމަށް ކަނޑައަޅައި އިޖުތިމާއީ ޞިއްޚީ އިންޝުއަރެންސުގެ ޤައުމީ ނިޒާމެއް ގާއިމް ކޮށްފައިވާކަމަށެވެ. ނަމަވެސް މިނިޒާމުގެ ތެރެއިން ބޭސްފާރުގެ ބައެއް ކަންކަމަށް ފަރުވާ ނުކުރެވޭ ގޮތަށް އޮތުމަކީ ކަންބޮޑުވުމެއްކަމަށެވެ.
ޚާއްސަކޮށް ދަރިމައިވުމުގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް ބޭނުންވާ އެންމެ އަސާސީ ބޭސްތައްވެސް ރާއްޖެއިން ލިބެން ނުހުންނަކަމީ ކަންބޮޑުވުމެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ. މިމައްސަލައަކީ މުޖުތަމައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިއަދާއި ހަމަޔަށްވެސް މިކަމަށް އެކަށީގެންވާ ދިރާސާއެއް ހެދިފައި ނުވާކަމަކީވެސް ކަންބޮޑުވުމެއްކަމަށް މީކާއިލްގެ މައްސަލާގައި ބުނެފައިވެއެވެ.
ދަރިމައިވުމުގެ ހިތްދަތިކަން ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ ބޭސްތައް އާސަންދައިން ލިބޭނޭ ގޮތެއް ހަމަޖައްސައި ރާއްޖެއިން ފަރުވާ ކުރެވޭނޭ ނިޒާމެއް އޮތުމަކީވެސް މިކަން ތަހައްމަލު ކުރާ މީހުންނަށް ކޮށްދެވޭނެ ފަސޭހަ މަގެއްކަމަށް މީކާއިލް ވިދާޅުވިއެވެ. މިޤަރާރު ހުށަހެޅުމުގެ ބޭނުމަކީ އެއްވެސް ހާލެއްގައި ދަރިމައިވުމުގެ މައްސަލައަށް ކުރެވޭ އެންމެ ބޮޑު ހޭދަ ކަމުގައިވާ އައިއީއެފް އާސައިންދައިން ކަވާ ކުރުމަށް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެންމެ އަސާސީ ފަރުވާތައް އާސަންދަ ތެރެއިން ހަމަޖެހޭނެ ގޮތެއް އޮންނަން ވާނެކަމަށް މީކާއިލް ވިދާޅުވިއެވެ.
"މިގަރާރުގެ މަޤުސަދަކީ އެއްވެސް ގޮތެއްގައި އައިވީއެފް އާސަންދައިގެ ދަށުން އެއްކޮށް ކަވާ ކުރުމެއްނޫން. އަޅުގަނޑުވެސް ދެނަހުރީމު އަޅުގަނޑުމެންނަކީ ސްކެނޑިނީވިއާގެ ޤައުމެއް ނޫންކަން. އަދި ރާއްޖޭގެ އިޤްތިޞާދަށް ކަތާއި ވަރާއި ނުކަތާވަރާއި އެކަންކަން އަޅުގަނޑުމެން އެނގިތިބެކަން މިފަދަ ކަމެއް ކުރަންވާނީ. އިންފާލިޓިޓީ ޓްރީމެންޓަކީ ހަމައެކަނި އެވީއެފްއެއް ނޫން. އައިވީއެފްއާއި ހަމައަށް ދިއުމުގެ ކުރިން އެފަރާތްތަކުން އާންމު ގޮތެއްގައި އެހެން ފަރުވާތައް ކުރުމަށްފަހު ދާ އެންމެ ފަހު މަރުހަލާގައި އޮންނަ ކަމެއް." މީކާއިލް ވިދާޅުވިއެވެ.
މިޤަރާރަށް ވާހަކަ ދެއްކެވި މެމްބަރު ވަނީ މިމައްސަލައަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ޚާއްސަކޮށް މިއީ މުޖުތަމައުގައި އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަމަށް ފަރުވާ ކުރަމުންދާ ފަރާތްތަކަށް ލުއި ގޮތަކަށް ބޭސްކުރެވޭނެ އންތިޒާމު ހަމަޖެހިގެން ދިއުމަކީ މުހިންމު ކަމެއްކަމަށް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.
ދަރިމައިވުމުގައި ދިމާވާ މައްސަލަތަކަކީ މިހާރު ރާއްޖެއިން ފަރުވާދެވެން ނެތް ކަމެކެވެ. އަދި ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ އަދަދެއްގެ ދިވެހިން މި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާކަން އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.