ޚަބަރު

ފަރަށް ލިބުނު ގެއްލުން ބެލުމަށް އީޕީއޭއިން ތައްޔާރުވަނީ


ބްރިޖްޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުން ބެލުމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭއިން ތައްޔާރުވެއްޖެއެވެ.

އީޕީއޭއިން ވިދާޅުވީ އެމަސައްކަތް ފަށާނީ އެސަރަޙައްދަށް އެޅިފައިވާ ޕްލެޓްފޯމްގެ ބައިތައް ނަގާ އެސަރަޙައްދު ސާފުކުރުމުންކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީން ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ޕްލެޓްފޯމްގެ މައިގަނޑު ފުންކުރެވުމާއެކު ފަށާފައިވާކަމަށެވެ. އަދި މިއަދު މޫސުން ތަންދޭނަމަ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ބްރިޖް ޕްލެޓްފޯމް ވިލިމާލޭ ފަރަށް އަރާ ޕްލެޓްފޯމް ރާޅާތަޅާ އޭގެ ބައިތައް ހަލާކުވެ ވިލިމާލޭ ފަރުމައްޗަށާއި ވިލިމާލޭ ގޮނޑުދޮށަށްވަނީ ލައްވެފައެވެ.

ޕްލެޓްފޯމް ފަރަށް އެރި ސަރަޙައްދު ސާފުކުރެވުމާއެކު ފަރަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް އީޕީއޭއިން ސަރވޭ ފަށާނެ ކަމަށް އީޕީއޭއިން ވިދާޅުވެއެވެ. ގްރޭޓަރމާލޭ ކަނެކްޓިވިޓީ ބްރިޖްގެ ސަރވޭއާއި ބޯހޯލް ތޮރުފުމުގެ މަސައްކަތްކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިޕްލެޓްފޯމް މިހާރު ފުންކުރެވިފައިވާއިރު ޕްލެޓްފޯމް ފުންކުރުން ލަސްވި އެއްސަބަބަކީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައެވެ. އެހެންނަމަވެސް މީގެ ސަބަބުން ފަރަށް ގެއްލުންވަމުންދިޔުމުގެ ކަންބޮޑުވުމާއެކު ވިއްސާރައިގެ ތެރޭގައިވެސް މިމަސައްކަތް އިއްޔެވަނީ ނިންމާލާފައެވެ.


ބްރިޖް ޕްލެޓްފޯމްގެ ނަގިލި ތިރިކުރުމުގެ ތެރޭގައި އޮއެބާރުވެ އޭގައި ހިމެނޭ ދަގަނޑެއް ވިލިމާލޭ ފަރަށް ވަދެފައިކަމަށާއި އޭގެ ސަބަބުން ފަރަށް ގެއްލުން ނުވާނެހެން ޕްލެޓްފޯމް ފުންކުރުމަށް ގިނަ ދަތިތަކެއް ކުރިމަތިވަމުންދިޔަކަން ޕްލޭނިންގ މިނިސްޓްރީއިންވަނީ ފާހަގަކުރައްވާފައެވެ.

ބްރިޖް ޕްލެޓްފޯމް ފަރަށް އެރިނަމަވެސް ބްރިޖްގެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާނެ ކަމަށް ބްރިޖްގެ މަސައްކަތް ކުރަމުންދާ އެޕްކޮންސްއިން މީގެކުރިންވަނީ ބުނެފައެވެ. ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖަކީ މާލެ، ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ހަދާ ބްރިޖެކެވެ. މިބްރިޖާއެކު 6.7 ކިލޯ މިޓަރުގެ ލިންކަކާއި ދެރަށް ދޭތެރޭ 140 ކިލޯ މީޓަރުގެ މައި ބްރިޖް ކަނޑުގައި އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުމަށްވަނީ ހަމަޖެހިފައެވެ.