ޚަބަރު

ކެންސަރު ޖެހުނުކަން ނާންގަން ބެހެއްޓީ ބޮޑު ތުނބުޅިއެއް


މިދިޔަ އޭޕްރީލް މަހު 14 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" އިން ފެނުނު އެކްޓަރު ހަރިޝް ރާއީ އަށް ކެންސަރު ޖެހިފައިވާކަން އޭނާ ހާމަކޮށްފިއެވެ.

ދާދި ފަހުން ދިން އިންޓަރވިއުއެއްގައި ހަރީޝް ހާމަކޮށްފައިވާ ގޮތުގައި އޭނާ އަށް ޖެހިފައިވަނީ ކަރުތެރޭގެ ކެންސަރެވެ. ކަނަޑާ ސިނަމާގައި ގިނަ ފިލްމުތަކަކުން ފެނިފައިވާ އެކްޓަރު ބުނިގޮތުގައި މިއަހަރުގެ ކުރީކޮޅު "ކޭޖީއެފް 2" ގެ ޝޫޓިން ކުރިއަށްދިޔައިރުވެސް އޭނާ އަށް ވަނީ ބަލި ޖެހިފައިކަމަށް ހަރީޝް ބުނެއެވެ.

އިންޓަރވިއުގައި ހަރީޝް ބުނެފައިވާ ގޮތުން ކެންސަރު ޖެހުނުތާ މިހާރު 3 އަހަރު ވެއްޖެއެވެ. އަދި "ކޭޖީއެފް" ގައި އޭނާ ފެންނައިރު ބޮޑު ތުނބުޅިއެއް ލާފައި އަބަދުވެސް ހުންނަނީ ކެންސަރުގެ ސަބަބުން ކަރު ދުޅަވުން ފޮރުވުމަށް ކަމަށްވެސް ހަރީޝް ބުނެއެވެ.

އެކްޓަރު އިތުރަށް ބުނީ ފުރަތަމަ ސާރޖަރީއަށް ފައިސާ ނެތުމުން ސާރޖަރީ ލަސްކޮށްފައިވާ ކަމަށާއި، މިހާރު ކެންސަރުގެ ކަންތައް މާބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އަދި އޭނާ މަޑުކޮށްގެން ހުރީ ފިލްމު ރިލީޒްވަންދެން ކަމަށާއި، ނަމަވެސް މިހާރު އޭނާގެ ކެންސަރު ހުރީ 4 ވަނަ ސްޓޭޖްގައި ކަމަށް ހަރީޝް ބުންޏެވެ. އެހީއަށް އެދި ފޭނުނާއި އިންޑަސްޓްރީގެ މީހުން ކައިރީ އެދި ވީޑިއޯއެއް ހަދާފައި އޮތް ނަމަވެސް އެ އާންމުކުރަން ހިތްވަރު ނުލިބުނު ކަމަށް ހަރީޝް ކިޔައިދިނެވެ.

"ކޭޖީއެފް" ފްރެންޗައިޒްގެ އިތުރުން ހަރީޝް ވަނީ "ބެންގަލޫރު އަންޑަވޯލްޑް"، "ދަން ދަނާ ދާން"، އަދި "ނަންނާ ކަނާސިނާ ހޫވް" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ. ކަންނާޑާ ސިނަމާގައި ކެރެކްޓަރ އާޓިސްޓެއްގެ ގޮތުގައި ހަރީޝް ހަރަކާތްތެރިވާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ޔަޝް ލީޑް ރޯލުން ފެނިގެންދާ "ކޭޖީއެފް: ޗެޕްޓަރ 2" އަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. ހަރީޝް ފެނުނީ ޔަޝްގެ ރޮކީގެ ބައްޕައެއްގެ ރޯލުން ފެނިގެންދިޔަ ޚާސިމް ޗާޗާގެ ރޯލުންނެވެ. 2018 ވަނަ އަހަރު ރިލީޒްކުރި 'ކޭޖީއެފް: ޗެޕްޓަރ 1" އިން ވެސް ހަރީޝް ފެނިގެން ގޮސްފައިވެއެވެ.

"ކޭޖީއެފް" އަކީ ޕްރޮޑިއުސަރު ފަރްހާން އަހްތަރާއި ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީގެ އެކްސެލް އެންޓަޓައިންމަންޓުން ހިއްސާވާ ގޮތަށް އުފެއްދި ފުރަތަމަ ކަންނާޑާ ފިލްމެވެ. ގާތްގަނޑަކަށް 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 250 ކްރޯޑް ރުޕީސް ހޯދި ފިލްމެކެވެ.