އާބާދީގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ. ހަނިމާދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން ކޮންމެ ދުވަހަކުވެސް އެންމެ ގިނަބަޔަކު އަރާ ފައިބާ އެއް ރަށެވެ. އެއަރޕޯޓް އޮތުމާއި އެކިއެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް ރަށަށް ގިނަ ބަޔަކު އަރައެވެ. ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމަކީ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެކެވެ.
މިކަމަށް ހައްލެއްގެ ގޮތުން ސަރުކާރުން ހަނިމާދޫގައި ތަރައްޤީ ކުރަމުން އަންނަ ބަނދަރުގެ މަސައްކަތް މިހާރުވަނީ ނިމުމަކާއި ހަމައަށް އައިސްފައެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ ބަނދަރުގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭކަމަށެވެ. އެގޮތުން ކުރިއަށް ދެން ނިންމަން ހުރި މަސައްކަތުގެ ވަރަށް ކުޑަ މިންވަރެއްކަމަށާއި މިހާރު ކުރިއަށް ދަނީ ލައިޓް ޖެހުމާއި ރީތި ކުރުމުގެ މަސައްކަތްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
"ބަނދަރުގެ މަސައްކަތް ކުރިއަށްދާ މިންވަރަށް ބަލާފަ ލަފާކުރެވެނީ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭ މަސައްކަތް ނިންމާ ބަނދަރުގެ ބޭނުން ކުރެވޭނެކަމަށް" ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވިއެވެ.
ހަނިމާދޫއަކީ އިގްތިސާދީގޮތުން ގިނަ މަސައްކަތްތަކެއް ކުރާ ރަށަކަށް ވުމާއިއެކު ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުމެވެ. ދޯނިފަހަރު ގިނަ އަދަދަކަށް ގެންގުޅޭ ރަށަކަށްވުމުން މުދާ އުފުލާ ދޯނިތަކަށް ރަށާ ކައިރިވުމަކީ އުނދަގޫ ކަމެކެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ މުދާ އުފުލާ ދޯނިތައް ޖާގަ ނެތުމުގެ ސަބަބުން ކައިރި ނުކުރެވި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭކަމަށެވެ.
"ތެލުގެ ވިޔަފާރި ކުރާ ރަށަކަށް ވުމުން ތެޔޮ ބާޖު އައިއްސި ނަމަ ވަރަށް ބޮޑު ސަރަހައްދެއް ބޭނުންވޭ އެ ބާއްވަން ވެސް. އެހެންނަމަވެސް ބަނދަރުގައި އިތުރުކުރެވިގެންދާ ޖާގައާއިއެކު އެކަމަށް ހައްލެއް ލިބިގެންދާނެ. އެއްފަހަރާ 3 ދޯނިން މުދާ ހުސްކުރެވިގެން ދާނެ" ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވިއެވެ.
ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 93 އިންސައްތަ ނިމިއްޖެ. ބަނދަރުގެ ޕޭވްމަންޓް މަސައްކަތުގެ 78 އިންސައްތަ، އަދި ބޭރު ތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ފުރިހަމަކުރެވިފަ.#MTCCProjects #RayyithungeKunfuni pic.twitter.com/jOA16LYhTj
— MTCC Plc (@MTCCPlc) August 22, 2022
ހަނިމާދޫގައި ތަރައްޤީކުރާ ބަނދަރާއިއެކު އެއީ، ވިޔަފާރިވެރިންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައެކެވެ.
ހަނިމާދޫގައި މީގެކުރިން އޮތް 500 ފޫޓު ދިގު އަދި 250 ފޫޓު ފުޅާ ބަނދަރު އެމްޓީސީސީން ވަނީ 1100 ފޫޓު ދިގު އަދި 300 ފޫޓު ފުޅާ ބަނދަރަކަށް ތަރައްޤީކޮށްފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.68 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ރާއްޖޭގެ އެއްވެސް ރަށެއް އިސްތިސްނާކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސަރުކާރުން ގެންދަނީ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.