ޚަބަރު

އަންނަ އަހަރު ހުވަދު އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ލިބޭނެ: އަސްލަމް


އަންނަ އަހަރު ހުވަދު އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެންދާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުއްﷲ، ހުވަދޫ އަތޮޅަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ފަށާނެ ތާރީހަކާއި ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ އަންނަ އަހަރުގެ މިހާތަނަށް ގއ، ގދ، ޏ، ސ އަދި ނ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިކަމަށް ބޭނުންވާ އުޅަނދުފަހަރު ބަނުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހުވަދޫ އަތޮޅަށް ބޭނުންވަނީ 11 ވެސަލް. މި މަސައްކަތް ކުރުމަށް މިހާރު ދެވަނަ ފޭސްގެ ކޮންޓްރެކްޓަރަކާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަނި މި. ކުރިއަށް އޮތް ހަފްތާތެރޭގަ އުޅނަދުފަހަރު ބަނުމަށް ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ފެއްޓި އާރްޓީއެލް މަޝްރޫޢުގެ ދަށުން ހއ އަދި ހދ އަތޮޅުގައި މިހާރު މި ޚިދުމަތް ވަނީ ފައްޓާފައެވެ. އަދި ށ އަތޮޅުގައި މި ޚިދުމަތް ފެށުމުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ށ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމާއެކު ޒޯން 1ގެ ހުރިހާ އަތޮޅެއްގައި ޚިދުމަތް ފެށުނީއެވެ. މި ދަތުރުތައް އަތޮޅުގެ ރަށްތަކާއި، އަދި އެއް އަތޮޅު އަނެއް އަތޮޅާއި ދެމެދުވެސް އަންނަނީ ބާއްވަމުންނެވެ.

ފެރީގެ ޚިދުމަތް ދޭއިރު، ރަށްރަށުގައި ފެރީ ސްޓޮޕްތަކާއި ޓަރމިނަލްތައްވެސް ހުންނާނެއެވެ. އެއީ އަތޮޅުތަކުގެ މައި ރަށްތަކުގައި ޓަރމިނަލްއާއި، އަދި އެހެން ހުރިހާ ރަށްތަކުގެ ބަނދަރުގައި ހަދާ ފެރީ ސްޓޮޕްތަކެވެ.

އާރްޓީއެލްގެ ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން އޮންލައިންކޮށް ޓިކެޓް ނެގޭނެ އެޕްލިކޭޝަނެއް ވަނީ ބޭނުންކުރަން ފަށާފައެވެ. މިއާއެކު ދުރާލާ ޓިކެޓް ބުކް ކުރެވޭނެއެވެ.