ކެންދޫއަކީ ފެން ތިލަ ރަށުގެ މެދަށް އަޑި ރަށެކެވެ. އެހެން ކަމުން ރަޢްކާތެރި ނަރުދަމާ ނިޒާމެއް ނެތުމަކީ އެރަށު ރައްޔިތުންނަށް އޮތް ބޮޑު ތަކުލީފެކެވެ. އެއީ ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި މަގުތަކުގައި ފެންބޮޑުވެ ގެތެކަށް ފެންވަދެ އެގެތަކުގައި ހަދާފައި ހުންނަ ޖަންގްޝަންތަކުން ރަށުތެރެއަށް ނަޖިސްބޭރުވާތީއެވެ. މިކަމަށް މިއަހަރު ތެރޭގައި ހައްލު ލިބިގެން ދާނެކަމަށް ކެންދޫ ކައުންސިލުން އުންމީދު ކުރެއެވެ.
ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިމައްސަލައަށް ހައްލު ހޯދާދިނުމުގެ ގޮތުން ރައްކާތެރި ނަރުދަމާގެ ޚިދުމަތް ލިބެން ނެތް ހުރިހާ ރަށެއްގައި މިހިދުމަތް ޤާއިމް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރެއިން މަސައްކަތް ކުރިއަށްދާ އެއްރަށަކީ ކެންދޫއެވެ.
ބ.ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ މޭމަހުގެ ތެރޭގައެވެ. މިމަސައްކަތުގެ ކޮންޓްރެކްޓަރ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އެމްޑަބްލިއުއެސްސީން ވިދާޅުވީ ނަރުދަމާ މައިހޮޅިއެޅުމުގެ މަސައްކަތުގެ 35 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ތެރެއިން ކެންދޫގައި 4.88 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް 250 ގޭބިސީއަކަށް ކަނެކްޝަން ގުޅައިދިނުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއް ރަޙްމާން ވިދާޅުވީ މިޚިދުމަތަކީ މިހާރުން މިހާރަށް ކެންދޫއަށް ބޭނުންވާ ޚިދުމަތެއްކަމަށެވެ. އެއީ ވާރޭވެހި ފެންބޮޑުވުމުން ގެތަކުގައި ހަދާފައި ހުންނަ ޖަންގްޝަންތަކުން ރަށުތެރެއަށް ނަޖިސްބޭރުވާތީއެވެ. އޭގެ ސަބަބުން ބަލިމަޑުކަމާވެސް ކުރިމަތިލާން ޖެހޭކަމަށް އަބްދުރަޙްމާން ވިދާޅުވިއެވެ.
"ވިއްސާރަ ދުވަސްވަރެއް ވެއްޖެއްޔާ މުޅި ރަށުގައި ފެންބޮޑުވާނެ ފެން ހިއްކުމަށް އެޙީތެރިކަމަށް އެދެންޖެހޭނެ، އަދި ރަށުގެ މެދުގައި ހުރި ގެތަކުގައި ހަދާފައި ހުރި ޖަންގްޝަންތައް ފަޅައިގެންގޮސް އެތައް ނަޖިހެއް އެދުވަސްވަރު ބޭރުވާނެ" ކެންދޫ ކައުންސިލްގެ ރައީސް އިބްރާޙިމް އަބްދުއްރަޙްމާން ވިދާޅުވިއެވެ.
މިމަޝްރޫޢުގެ ދަށުން ނަޖިސް ބޭރުކުރުމަށް ދެ ޕަންޕް ސްޓޭޝަން ޤާއިމް ކުރުމާއި ސީއައުޓްފޯލް އެޅުމުގެ މަސައްކަތްވެސް ކެންދޫގައި ކުރާނެއެވެ. އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ މެޝިންވެސް މިމަޝްރޫއުގެ ދަށުން އެރަށަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކެންދޫގައި ކުރިއަށްދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ގެތަކަށް ފެނުގެ ކަނެކްޝަން ގުޅުމުގެ މަސައްކަތާއި ފެން ރައްކާކުރުމަށް ބަހައްޓާ ތާންގީތަކުގެ ބުޑުއެޅުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. މިމަޝްރޫޢުގެ ދަށުން ކެންދޫގައި 5.26 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް ޤާއިމް ކުރާނެއެވެ. އަދި ރަށުގެ 250 ގޭބިސީއަކަށް މި ޚިދުމަތުގެ ކަނެކްޝަން ގުޅައިދީ ދުވާލަކު ފަސްދޮޅަސް ހަ އަކަ މީޓަރުގެ ފެން އުފެއްދޭވަރުގެ ދެ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްލާންޓް ތަކުން ހަދާ ފެން ރައްކާކުރުމަށް ހަތަރުސަތޭކަ ސާޅީސް ހަ އަކަ މީޓަރުގެ ދެ ތާނގީއާއެކު ވާރޭފެން ރައްކާކުރުމަށް 450 އަކަ މީޓަރުގެ ތާނގީއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ. އަދި މިތަނުގައި ހަދާ ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނުވެސް މިރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވިއެވެ. މީގެ ތެރެއިން ފެނުގެ މައި ނެޓްވޯކްގެ 85 އިންސައްތަ މަސަކަތް ނިމިފައިވާއިރު ވާރޭފެން ނެގުމަށް އަޅާ ނެޓްވޯކްގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ވިދާޅުވެއެވެ.
ކެންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރަށުގެ ބޮޑުބައެއްގެ ފެން މިހާރުވެސް ތަޣައްޔަރު ވެފައިވާކަމަށާ، ސަރުކާރުން ކެންދޫގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ކުރިމަގުގައި ކުރާނެކަމަށެވެ.
ކެންދޫގައި ފެނާއި ނަރުދަމާ ނިޒާމްގެ ޤާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ޕަންޕް ސްޓޭޝަނާއި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ހެދުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި އެމަސައްކަތްވެސް ލަސްނުވެ ފެށޭނެކަމަށް އެމްޑަބްލއިއުއެސްސީއިން ވިދާޅުވެއެވެ.
ބ.ކެންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޑަބްލިއުއެސްސީއާ ޙަވާލުކުރައްވާފައިވަނީ 56.24 މިލިއަން ރުފިޔާއަށެވެ.