ރ.ކިނޮޅޮހުގައި ސަރުކާރުން ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފަށައިފިއެވެ.
ފެނަކައިގެ ކިނޮޅޮހު ގޮފި ހިންގެވުމާ ޙަވާލުވެހުންނެވި ޑެޕިއުޓީ މެނޭޖަރ ބަދީއު ހުސެއިން ވިދާޅުވީ ފެނުގެ ޚިދުމަތް މިހާރު ދޭންފަށާފައިވާކަމަށެވެ. ބަދީއު ވިދާޅުވީ އަދި އެއްވެސް އަގެއް މިޚުދުމަތަށް ނުނަގާކަމަށާ، މިހާރު ކުރިއަށްދަނީ ޓެސްޓު މަރުހަލާ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިންނެވެ.
މި މަސައްކަތުގެ ދަށުން ޖުމްލަ 140 ގެއަކަށް ފެނުގެ ޚިދުމަތް ވަނީ ގުޅައިދީފައެވެ. ރަށުގެ ހުރިހާ އެންމެވެސް ރައްކާތެރި ފެން ބޭނުން ކުރަމުންދާކަމަށް ބަދީއު ވިދާޅުވިއެވެ. ބަދީއު ވިދާޅުވީ ފެން ތަޙްލީލް ކުރުމަށް ބޭނުންވާ ސާމާނު އަދި ނުލިބޭކަމަށާ، އެތަކެއްޗައް މިހާރު އޯޑަރުކޮށްފައިވާކަމަށެވެ.
މި ޚިދުމަތް ރަސްމީކޮށް ދޭން ފަށާނީ ނަރުދަމާގެ ޚިދުމަތާއެކުގައެވެ. ނަރުދަމާ ނިޒާމްގެ މަސައްކަތައް ބަލާއިރު، 139 ގެއަކަށް އެމްޑަބްލިއުއެސްސީން ވަނީ މެއިން ކަނެކްޝަން ގުޅައިދީފައެވެ. މިހާރު ކުރަމުންދަނީ ގެތަކުގައި ހަދާ ކުދި ޖަންޝަންތައް ހެދުމުގެ މަސައްކަތެވެ. އެމަސައްކަތުގެ %25 ނިމުމުން ޚިދުމަތް ދޭންފަށާނެކަމަށް ބަދީއު ވިދާޅުވިއެވެ.
މީރުފެންފަށަލަ ހަލާކުވެފައިވާ ކިނިޅޮހުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމަށް ސަރުކާރުން ހަވާލުކުރީ އެމްޑަބްލިއުއެސްސީއާއެވެ. އެކުންފުނިން މިމަސައްކަތް ނިންމީ މިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އަދި ހަމަ އެމަހު މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ. މިޚިދުމަތް އެރަށުގައި ދޭނީ ފެނަކަ މެދުވެރިކޮށެވެ. ފެނަކައިން ވިދާޅުވީ އެމަސައްކަތާ ރަސްމީކޮށް ހަވާލުވުމަށް ތައްޔާރު ވަމުންދާކަމަށެވެ. ރަސްމީކޮށް ހަވާލު ނުކުރިނަމަވެސް މިހާރުވެސް އެޚިދުމަތުގެ އެންމެހާ ކަންކަމެއް ބަލަހައްޓަމުންއަނަނީ ފެނަކައިންނެވެ.
މި މަޝްރޫޢުގެ ދަށުން ކިނޮޅަހުގައި 11.8 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފައެވެ. 7.3 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއްވެސް ވަނީ ޤާއިމުކޮށް ފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.