ބޮލީވުޑް ތަރި ފަރްހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ ފިލްމު ކުންފުނި އެކްސެލް އެންޓަރޓެއިންމަންޓުން އެމީހުން ނަގާފައިތިބި ކޮންޓްރެކްޓު މުވައްޒަފުންތަކަކަށް މުސާރަ ނުދޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ފިލްމް ސްޓޫޑިއޯސް ސެޓިންގ އެންޑް އެލައިޑް މަޒްދޫރު ޔޫނިއަން ކިޔާ ބައެއް މެދުވެރިކޮށް ގާތްގަނޑަކަށް 300-400 މުވައްޒަފުން މިއަހަރުގެ މެއި މަހުން ފެށިގެން އަންނަނީ މުމްބާއީގެ އިތުރުން މުމްބާއީގެ ބޭރުގެ އެކި ތަންތަނުގައި އެކްސެލް އެންޓަޓެއިންމަންޓްގައި މަސައްކަތް ކުރަމުންނެވެ.
މިއީ ދުވަހު މުސާރައަށް އުޅޭ މުވައްޒަފުންތަކެއްކަމުން އެދުވަހެއްގެ މަސައްކަތް ނިމުމުން އެމީހުންނަށް މުސާރަ ދޭންޖެހެއެވެ. ނަމަވެސް ފާއިތުވި 3-4 މަސްދުވަހުގެ ތެރޭގައި އެކްސެލްއިން އެމީހުންނަށް މުސާރަ ނުދޭކަމަށް އެމީހުން ތުހުމަތު ކުރެއެވެ.
މީގެއިތުރުން މަސައްކަތް ކުރުވަން ލޭބަރ ޤާނޫނުގައި ބުނެފައިވާ ވަގުތަށްވުރެ އިތުރަށް މަސައްކަތް ކުރުވާ، އިތުރުގަޑީގެ ފައިސާވެސް ނުދޭކަމަށް އެމީހުން ބުނެއެވެ. އަދި މަސައްކަތު ގަޑީގައި އެކަށީގެންވާ ރަނގަޅު ކެއުމުގެ އިންތިޒާމެއްވެސް އެކްސެލް އިން ހަމަޖައްސައިދީފައިނުވާކަމަށް މުވައްޒަފުން ބުނެއެވެ.
ބައެއް މުވައްޒަފުން ބުނި ގޮތުގައި އެ މީހުން މިހާރު މި ވާހަކަ ދައްކާތީ ވަޒީފާ ގެއްލިދާނެކަމުގެ ބިރުވެރިކަންވެސް އޮތީ ކުރިމަތިވެފައެވެ. މުވައްޒަފުންގެ މި ޝަކުވާތަކާ ގުޅިގެން ސްޓޫޑިއޯސް ސެޓިން އާއި އެލައިޑް މަޒުދޫރު ޔުނިއަން އިން މިހާރު ވަނީ ކަމާބެހޭ އިދާރާތަކަށްވެސް އެ މައްސަލަ ހުށަހަޅައިފައެވެ.
މި މައްސަލަ ފެންމަތިވެފައިވާއިރު، ފަރުހާން މި ވަގުތު އަންނަނީ އަންހެނުންނާއެކު އޮސްޓްރޭލިއާގައި ޗުއްޓީ ހޭދަކުރަމުންނެވެ. ފަރްހާން ދެން އެންމެ އަވަހަށް ޑައިރެކްޓުކުރާނީ "ޖީ ލޭ ޒަރާ" އެވެ.
"ދިލް ޗަހަ ތޭ"، "ޑޮން"، "ކާތިކް ކޯލިން ކާތިކް"، "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން އެކްސެލްގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އަންނަ އޮކްޓޯބަރު 7 ގައި ރިލީޒްކުރާ "ފޯން ބޫތު" ގެ އިތުރުން "ފުކްރޭ 3"، "ޔުދުރާ" އަދި "ކޯ ގަޔޭ ހަމް ކަހާ" ހިމެނެއެވެ.