ތަޢުލީމީ ނިޒާމަށް މިހާރު ގެންނަވާ ބަދަލާއިއެކު މިސަރަޙައްދުގައި ކޮންމެ ކުއްޖަކަށް 14 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ތަޢުލީމް ފޯރުކޮށްދޭ ފުރަތަމަ ޤައުމަށް ރާއްޖެ ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.2016 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވުމުގެ ޖަލްސާގައި ރައީސް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ތަހުޒީބު މުޖްތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމާއި ތަމްރީނަށް އަމާޒުކޮށްގެން، 2015 ވަނަ އަހަރު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ، ޕްރީސްކޫލް ތަޢުލީމް ރަސްމީ ތަޢުލީމުގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުގެ ސްކޫލްތަކުން ޕްރީސްކޫލް ތަޢުލީމް ދޭން ފެއްޓެވުންކަމަށެވެ. ހަމައެޔާއިއެކު، ޢުމުރުން 18 އަހަރު ވަންދެން ނުވަތަ ގްރޭޑް 10ގެ ތަޢުލީމަށްފަހު، އިތުރު 2 އަހަރުގެ ސްކޫލް ތަޢުލީމު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް މިވަނީ ފަށްޓަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިބަދަލާއިއެކު ރާއްޖެ ވެގެންދާނީ، 14 އަހަރު ހިލޭ ސްކޫލް ތަޢުލީމު ފޯރުކޮށްދެވޭ މި ސަރަޙައްދުގެ ފުރަތަމަ ޤައުމަށްކަން ރައީސް ފާހަގަކުރެއްވިއެވެ.ރައީސްގެ ވާހަކަފުޅުގައި ޢަރަބި އިސްލާމީ ތަޢުލީމު ރާއްޖޭގައި ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިމަސައްކަތުގެ ދަށުން މިހާރު ރާއްޖޭގެ 48 ސްކޫލެއްގައި ޢަރަބި ބަސް ގެންދަވަނީ ކިޔަވައިދެއްވަމުންނެވެ. އަލަށް އެކުލަވައިލެއްވި ޓީޗަރުންގެ އޮނިގަނޑުގެ ދަށުން، ޓީޗަރުންގެ މުސާރައަށް މިދިޔަ އަހަރުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެންނަވައި، މިދިޔަ އަހަރު ނިމުނުއިރު، އެ އޮނިގަނޑުގެ ދަށުން ދަށްވެގެން ޑިޕްލޮމާ ފެންވަރަށް ހުރިހާ ޓީޗަރުން ތަމްރީނު ކުރެވިފައިވާކަމަށް ބަޔާންކުރެއްވިއެވެ. އަދި ޓީޗަރުން ޑިގްރީ ފެންވަރަށް ގެންދިޔުމުގެ 10 އަހަރު ދުވަހުގެ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ މިއަހަރު ފެށިގެންދާނެކަމަށްވެސް ރައީސް އިޢުލާންކުރެއްވިއެވެ.ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އެންމެ މުހިންމު ލަނޑުދަނޑިއަކީ، އެއްވެސް ކުއްޖަކު ބާކީނުކޮށް، ޢުމުރުން 18 އަހަރުވަންދެން ނުވަތަ އެކުއްޖަކަށް ވަޒީފާގެ ބާޒާރަށް ނުކުމެ ވަޒީފާ އަދާކުރެވޭނޭފަދަ ޤާބިލުކަމެއް ލިބެންދެން ތަޢުލީމުގެ ކޮންމެވެސް ހަރުފަތެއްގައި ނުވަތަ ގިންތިއެއްގައި ގެންގުޅުންކަމަށެވެ. އެހެންކަމުން ތަޢުލީމީ ދާއިރާއަށް ގެނެވޭ ކުރިއެރުންތަކުގެ ސަބަބުން ރާއްޖޭގެ ކޮންމެ ޒުވާނަކީ ވަޒީފާ އަދާކުރަމުން، ޢާއިލީ ޒިންމާވެސް އަދާކުރާ އަދި ޤައުމުގެ ކުރިއެރުމާއި ޤައުމީ އާމްދަނީއަށް ޙިއްޞާކުރާ ޒުވާނަކަށް ވެގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.