ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު ކުޅެ ޑައިރެކްޓުކުރާ ފިލްމު "އިމާޖެންސީ" ގެ ރޯލަކަށް މަހީމާ ޗައުދަރީ ހަމަޖައްސައިފިއެވެ.
މި ފިލްމުގައި ކަންގަނާ ފެންނާނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލުންނެވެ. މީގެއިތުރުން އަނޫޕަމް ކޭރް އިންޤިލާބީ ލީޑަރު ޖޭ ޕީ ނަރަޔަންގެ ރޯލުން ފެންނައިރު، ޝްރެޔާސް ޓަލްޕަޑޭ ފެންނާނީ ސިޔާސީ ބޭފުޅެއްކަމަށްވާ އަތަލް ބިހާރީ ވަޖްޕާއީގެ ރޯލުންނެވެ.
މަހީމާ މި ފިލްމަށް ސޮއިކުރީ ކުރީގެ މަޝްހޫރު އެކްޓިވިސްޓް/ލިޔުންތެރިޔާ ޕުޕުލް ޖަޔާކަރްގެ ރޯލަށެވެ. އަދި ފިލްމުގައި އޭނަ ފެންނާނެ ގޮތުގެ ފަސްޓްލުކް ވެސް މިހާރު ވަނީ އާންމުކޮށްފައެވެ. ރީތި އެތައް ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ މަހީމާ ވަނީ ކެންސަރަށް ފަރުވާ ހޯދާކަން ދާދިފަހުން ހާމަކޮށްފައެވެ.
"އިމަޖެންސީ" އަށް އޭނާ ސޮއިކުރި އިރު، މި ފިލްމުގެ މުހިއްމު ރޯލެއް ކުޅޭ އަނޫޕަމް ކޭރްގެ "ދަ ސިގްނޭޗާ" ގެ ރޯލަކަށް ވެސް މަހީމާ ސޮއިކޮށްފައިވެއެވެ.
Presenting #MahimaChaudhry as the One who witnessed it all, and wrote for the world to see the Iron Lady up, close and personal. #PupulJayakar Friend, Author & Confidante#Emergency#KanganaRanaut @nishantpitti @AnupamPKher @shreyastalpade1 @MrSheetalsharma #AkshtRanaut pic.twitter.com/GoPzj7RAHg
— Manikarnika Films Production (@ManikarnikaFP) August 20, 2022
މި ފިލްމާއި ބެހޭގޮތުން މަހީމާ ބުނެފައިވަނީ ޖަޔާކަރަކީ އިންދިރާ ގާންދީގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމަށާއި، މިރޯލު ކުޅެންލިބުމުން ވަރަށް އުފާވާ ކަމަށެވެ.
"އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ވެރިކަމުގައި އިއުލާންކުރި ހާޖާނު ބޮޑު އިމަޖެންސީ އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
ކަންގަނާގެ މަނިކަރްނިކާ ފިލްމްސް އިން ގެނެސްދޭ ކަންގަނާ ލިޔެ ޑައިރެކްޓުކޮށްފައިވާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ރެނޫ ޕިއްޓީ އާއި ކަންގަނާ އެވެ. ސްކްރީން ޕްލޭ އާއި ޑައިލޮގްތައް ލިޔެފައިވަނީ ރިތޭޝް ޝާހުއެވެ.
1997 ވަނަ އަހަރު ފިލްމު "ޕަރުދޭސް" އިން ބޮލީވުޑަށް ނުކުތް މަހީމާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ދިލް ކިޔާ ކަރޭ"، "ދަޅްކަން"، "ދިލް ހޭ ތުމާރާ" އަދި "ބާގްބާން" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ފެނިފައި ވަނީ 2016 ވަނަ އަހަރު ދެއްކި "ޑާކް ޗޮކްލެޓް" އިންނެވެ.