މަނީ ލޯންޑަރިން މައްސަލައެއްގައި ބޮލީވުޑް ތަރި ޖެކްލިން ފެނަންޑޭޒްއާއި ފުރަތަމަ ސުވާލުކުރަން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އޭގެފަހުން އަދިވެސް އެ މައްސަލަ ގަނޑުން އަރައިގަނެވޭނެ ގޮތެއް ޖެކްލިންއަކަށް ނުވެއެވެ.
މި މައްސަލައިގެ ސަބަބުން ހިންދީ ސިނަމާއިން ޖެކްލިން ބޯއިކޮޓް ކުރާނެކަމުގެ އިންޒާރު މިހާރު ވަނީ ދީފައެވެ. އެއްވެސް ޕްރޮޑިއުސަރަކު ޖެކްލިން ލައްވާ އައު ފިލްމަކަށް ސޮއިކުރުވާކަށް މިހާރު ބޭނުމެއްނުވެއެވެ.
"ބައްޗަން ޕާންޑޭ" އާއި "ވިކްރާންތް ރޯނާ" ފަދަ ފިލްމުތަކަކީ މައްސަލައިގެ ކުރިން ޖެކްލިން ސޮއި ކޮށްފައިވާ ފިލްމުތައްކަމަށާއި، މައްސަލައިގައި ދެން ޖެކްލިންއަށް ވާނެގޮތެއް ނޭގޭތީ އެއްވެސް މީހަކު އައު ފިލްމެއް އޭނާއަށް ނުދޭކަމަށް ޖެކްލިންއާއެކު މަސައްކަތްކޮށްފައިވާ ޕްރޮޑިއުސަރަކު ވަނީ ބުނެފައެވެ.
ސްރީލަންކާ އަށް ނިސްބަތްވާ ބަތަލާއާ އިންޑިއާގެ އެންފޯސްމަންޓް ޑިރޮކްޓަރޭޓް (އީޑީ) އިން ފުރަތަމަ ސުވާލުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުނު ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ސުކޭޝް ޗަންދުރަޝޭކަރް ކީޔާ މީހަކާ ގުޅުން އޮތް އެތައް ކްރޯޑް ރުފީސްގެ މި މައްސަލާގައި ނިއު ދިއްލީގައި އީޑީން 5 ގަޑިއިރު ވަންދެން ޖެކްލިންއާ ސުވާލުކޮށްފައިވެއެވެ. މީޑިއާތަކުން ބުނި ގޮތުގައި ކާމިޔާބު ބަތަލާއާ ސުވާލުކުރަނީ ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގެ ހެކި ބަސް ހޯދުމުގެ ގޮތުން ކަމަށެވެ.
އޭގެފަހުން ސުކޭޝްއާއި ލޯބީގެ ގުޅުމެއް ބާއްވައި، އޭނާގެ އަތުން ޖެކްލިން އަށް ލިބިފައިވާ ކަމަށް ބެލެވޭ އަގު ބޮޑު ހަދިޔާތަކެއްގެ މައްސަލަވެސް ފެންމަތިވިއެވެ. އެ މައްސަލަ ތަހުޤީގުކުރަމުން ދަނިކޮށް ސުކޭޝްއާއެކު ނަގާފައިވާ ޖެކްލިންގެ ގައިގޯޅި ފޮޓޯތަކެއްވެސް މީޑިއާގައި ވަނީ ލީކުވެފެވެ.
މި މައްސަލައިގެ އެންމެ ފަހުން އީޑީން ބުނެފައިވާގޮތުގައި ޖެކްލިން އަކީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެކެވެ. މި މައްސަލަގަނޑުގެ ތެރޭގައި އޭނާ އުޅޭއިރު މިއަހަރު ކުރީކޮޅު ބަހްރައިންގައި ހުރި ޖެކްލިންގެ މަންމަ އަށް ސްޓްރޯކެއް ވެސް ޖެހިފައިވެއެވެ.
ބޮލީވުޑްގެ އޭ ލިސްޓުގައި ހިމެނޭ މަޝްހޫރު އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ އުމުރުން 37 އަހަރުގެ ޖެކްލީން ބޮލީވުޑަށް ތަޢާރަފުވީ 2009 ވަނަ ރިލީޒްކުރި ހިންދީ ފިލްމު "އަލާއްދީން" އިންނެވެ. އެހެންނަމަވެސް ބެލުންތެރިންގެ މެދުގައި އޭނާ އަށް މަޤުބޫލުކަން ލިބެންފެށީ 2011 ވަނަ އަހަރު ރިލީޒްކުރި ސައިކޮލޮޖިކަލް ތްރިލަރ "މާޑާ-2" އަށްފަހުއެވެ.