ޅ.ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއީލް މަޙްދީ ވިދާޅުވީ، ކުރެންދޫގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިމުމުން، އެރަށަށް ދިމާވެފައިވާ ރަށް ގިރުމާއި އުދައެރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
ކުރެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން މަސައްކަތް ފެށީ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކުރެންދޫ އަށް ކުރެވި ދަތުރު ފުޅަށްފަހުއެވެ. މިދަތުރުފުޅުގައި އެރަށު ރައްޔިތުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުންގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމެވެ. އެކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފެށީ މިއަރުގެ މާރިޗް މަހުގެ ތެރޭގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ކުރެންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މަހްދީ ވިދާޅުވީ، ރަށްގިރުމުގެ މައްސަލައަށް ހައްލު ގެނައުމަށް ހިލަ ޖެއްސުމުގެ މަސައްކަތް މީގެ މަހެއްހާދުވަސް ކުރިން ފަށާފައިވާ ކަމަށެވެ. އެމަސައްކަތް ފެށުން ލަސްވީ ހިމާޔަތް ކުރާ ސަރަހައްދަށް އަޅާ ވެލި ނުލިބިގެން ކަމަށެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުވާ ވެލި ގެނެސްފައިވަނީ އެއަތޮޅު ފެލިވަރުންނެވެ. އެއީ އެރަށު ބަނދަރު ފުންކުރުމަށް ނަގާވެލިންނެވެ.
މިއަހަރު ކުރީކޮޅު ކުރެންދޫއަށް އުދައަރައި އެރަށުގައި ހަދާފައި އޮތް ޓާފްދަނޑު އެއްކޮށް ހަލާކުވިއެވެ. އަދި ރަށުގެ ހޭޅިފަށުން ބޮޑުބައެއް ގިރައިގެން ގޮސްފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ އެރަށުގެ ހުޅަނގު ދެނުކު ފަރާތުންނެވެ. ރަށްވަށައިގެން ހިމާޔަތް ކުރާ މި ރަށުގައި ދެ ގޮތަކަށް ތޮށިލާނެއެވެ. އެއީ ވޯޓަރ ބްރޭކް އާއި ރިވެޓްމަންޓްއެވެ. އެގޮތުން 361 މީޓަރުގެ ސަރަހައްދެއްގައި ވޯޓަބްރޭކް ޖަހާއިރު 822 މީޓަރުގެ ސަރަހައްދެއްގައި ޖަހާނީ ރިވެޓްމަންޓެވެ.
މި މަސައްކަތް ނިމުމުން ކުރެންދޫއަށް ދިމާވެފައިވާ ރަށްގިރުމާއި އުދަ އެރުމުގެ މައްސަލައަށް ހައްލުލިބިގެންދާނެ ކަމަށް ކުރެންދޫ ރައްޔިތުން އުންމީދުކުރެއެވެ.
މިނިސްޓްރީއޮފް ނޭޝަަނަލް ޕްލޭނިގްއިން މިމަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 44.9 މިލިއަން ރުފިޔާއަށެވެ.