ގްރެމީ އެވޯޑު ހާސިލުކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް އަށް މިހާރު ވަނީ ދެ ޢީދު އެއްފަހަރާ އައިސްފައެވެ.
އެއީ އޭނާ އެންމެ އިންތިޒާރުކުރަމުންދިޔަ ވެގަސް ގައި ހުންނަ ގެ ލިބުމާއި، ލޯބިވެރިޔާ ރިޗް ޕޯލް ދެކެ އިންތިހާއަށް ލޯބި ވެވުމެވެ. އެޑެލް އާއި ޕޯލް ލޯބީގެގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފުރަތަމަ ފެތުރުނީ އެރިޒޯނާގައި ބޭއްވި އެންބީއޭ ފައިނަލްގައި ދެމީހުން އެކުގައި ބައިވެރިވާތަން ފެނިގެންނެވެ.
އޭގެފަހުން އެޑެލް އިނގިލީގައި އަޅާފައިވާ ބޮޑު އަލިމަހުގެ އަގޮޓިއެއް ފެނިގެން ޕޯލް އާއި އެންގޭޖްވި ވާހަތައް ވަރަށް ގަދަޔަށް ދެކެވުނެވެ. ނަމަވެސް އެކަމަށް އޭރު އެޑެލް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ދާދިފަހުން މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި، ސްޕޯޓްސް އޭޖެންޓެއްކަމަށްވާ ލޯބިވެރިޔާ ޕޯލް އާއި ބެހޭގޮތުން އެޑެލް ބުނީ ޕޯލް ދެކެ މިހާރު ވެފައިވާ ލޯބި ދުވަހަކުވެސް މީހަކު ދެކެ ނުވާ ކަމަށެވެ. ނަމަވެސް ދެ މީހުން އެންގޭޖް ނުވާ ކަމަށް އެޑެލް ވަނީ ބުނެފައެވެ.
އެޑެލް އާއި ޕޯލް އެކުގައި އުޅޭތަން ވަރަށް ގިނައިން ޕަޕަރާޒީންނަށް ވަނީ ފެނިފައެވެ. ޕޯލް އާއި ކައިވެނިކުރަން ބޭނުން ކަމަށްވެސް އެޑެލް ވަނީ މި އިންޓަވިއުގައި ބުނެފައެވެ.