ޚަބަރު

މަންދޫގައި ތަރައްޤީކުރާ ފުރަތަމަ ބަނދަރުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ


އާބާދީގައި 500އެއްހާ މީހުން ދިރިއުޅެމުން އަންނަ އދ. މަންދޫއަކީ ރާއްޖޭގެ ބަނދަރު ނެތް މަދު ރަށްރަށުގެ ތެރެއިން އެއް ރަށެވެ.

މިސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ރަށްރަށުގެ ލަފާކުރުމުގެ ދަތިކަން ޙައްލުކޮށްދިނުމެވެ. ބަނދަރު ނެތް ރަށްރަށުގައި ބަނދަރު ތަރައްޤީކުރުމެވެ.

މަންދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ. ނަމަވެސް ބަނދަރު ތަރައްޤީކުރާނެ ސަރަޙައްދު ކަނޑަނޭޅި ގިނަދުވަސްތަކެއްވުމާއި ގުޅިގެން ބަނދަރުގެ ޢަމަލީ މަސައްކަތް ފެށުން ވަނީ ލަސްވެފައެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މިމަސައްކަތް ބާރު ސްޕީޑްގައި އަންނަނީ ކުރިއަށްދަމުންނެވެ.

އެމްޓީސީސީން ވިދާޅުވީ އދ. މަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައިކަމަށެވެ. އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްވެސް ނިމުމަކާއި ގާތްވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ ބަނދަރު ކޮނުމުގެ މަސައްކަތް މިމަހުގެ ނިއަލަށް އެއްކޮށް ނިމޭނެކަމަށެވެ. އަދި މުޅި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑުގަ އެއްވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށްދާނަމަ ނިމިގެންދާނެ އަންނަ އަހަރުގެ މެދުތެރެއަށް. އަޅުގަނޑުމެން ކައުންސިލުންވެސް އަދި ރަށުގެ ރައްޔިތުންވެސް މިތިބީ ބަނދަރު ނިމި އޭގެ ބޭނުން ހިފޭނެ ދުވަހެއްގެ އިންތިޒާރުގައި." މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

ބަނދަރު ނެތުމުގެ ސަބަބުން މަންދޫއަށް ދިމާވެފައިވާ ލަފާ ފުރުމުގެ މައްސަލައަކީ ރަށުގެ ރައްޔިތުންގެވެސް ވަރަށްބޮޑު ޝަކުވާއެކެވެ. ރަށު ރައްޔިތުންނަށް ބޭނުންވާ އެންމެ ޒަރޫރީ މުދާވެސް ރަށަށް އެރުވޭނެ ގޮތެއް ނެތެވެ. އިމާރާތް ކުރުމަށާއި ރަށުގައި ކުރިއަށްދާ އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ މުދާ ރަށަށް އެރުވުމާއި ރަށުން ބޭލުން އެއީ ދިމާވާ އެންމެ ބޮޑު ގޮންޖެހުމެވެ. ހާލުބޮޑު ބަލި މީހަކު ކަނޑު އުޅަނދަކަށް އެރުވުންވެސްވަނީ ރައްޔިތުން ޖެހިލުންވާފަދަ ކަމަކަށެވެ. މިކަމަށް ޙައްލެއް ލިބުމަކީ މަންދޫ ރައްޔިތުންގެ އަބަދުގެ އާދޭހެވެ.

ބަނދަރާއެކު ގެސްޓްހައުސް ވިޔަފާރިއާއި ރަށުގެ އިޖްތިމާޢީ އަދި އެހެނިހެން އިޤްތިޞާދީ ކަންކަމަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ރައްޔިތުން ޤަބޫލްކުރެއެވެ.

ޒަމާންތަކެއްވަންދެން އެރަށުގައި ބޭނުންކުރަމުން އައީ ރައްޔިތުންގެ ފާލަމެކެވެ. ފާލަން ހަލާކުވެފައިވުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް މިހާރު ބޭނުންކުރަނީ ރަށުގައި ގެސްޓްހައުސް ހިންގާ ބަޔަކު ހަދާފައިވާ ކުޑަ ފާލަމެކެވެ.

އދ.މަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި 65854 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 236 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި 319 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 71 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން 34.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.