މިމަހުގެ 11 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ"ގެ ބަޠަލާއަކަށް ފުރަތަމަ ނެގީ އެ ރޯލު ކުޅެފައިވާ ބޮލީވުޑް ތަރި ކަރީނާ ކަޕޫރެއް ނޫނެވެ. އެ ރޯލު ފުރަތަމަ ދިނީ މިސް ވޯލްޑް މަނޫޝީ ޗިއްލަރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
"ލާލް ސިންގް ޗައްޑާ" ގައި މަނޫޝީ މަސައްކަތްކުރިނަމަ މަނޫޝީ ބޮލީވުޑަށް ތަޢާރަފްވި ފިލްމަކަށް އެ ފިލްމު ވާނެއެވެ. ނަމަވެސް މަނޫޝީގެ ބޮލީވުޑް ފުރަތަމަ ފިލްމަކީ އަކްޝޭ ކުމާރުގެ ތާރީޚީ ހަނގުރާމަ ފިލްމު "ސަމްރަތް ޕްރިތްވީރާޖް" އެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ޖޫން މަހުއެވެ. މި ފިލްމަށް ހީކުރިވަރުގެ ތަރުޚީބެއް ބޮކްސް އޮފީހުގައި ލިބިފައެއްނުވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި މަނޫޝީއަށް "ލާލް ސިންގް ޗައްޑާ"ގެ ރޯލު ނުލިބުނީ ތާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ސަބަބުންނެވެ.
ވައިއާރްއެފަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯ އަށް ވާތީ އެތަނުން ފުރުސަތެއް ލިބުމަކީ އަލަށް ނުކުންނަ ފަންނާނުންގެ އެންމެ ބޮޑު އެއް ހުވަފެނެވެ. އެހެންކަމުން އާމިރުގެ ހުށަހެޅުން މަނޫޝީއަށް ދޫކޮށްލަން ޖެހުނީކަމަށް ރިޕޯޓުތައް ބުނެއެވެ.
މަނޫޝީގެ ކުރިއަށް އޮތް އެއް ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ވައިއާރްއެފްގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އެވެ. މި ފިލްމުގައި މަނޫޝިއާއިއެކު ވިކީ ކޯޝާލްވެސް ފެންނާނެއެވެ. މަނޫޝީ މިހާރު އަންނަނީ ޖޯން އަބްރަހަމްގެ އެކްޝަން ތުރިލާ "ތެހެރާން" ގެ މަސައްކަތްކުރަމުންނެވެ.
އަދުވައިތު ޗަންދު ޑައިރެކްޓްކޮށް ގެނެސްދޭ "ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. އިންޑިއާގެ 100 އެއްހާ ލޮކޭޝަނުގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގައި ކަރީނާ ކުޅެނީ އާމިރުގެ އަންހެނުންގެ ރޯލެވެ.
"ލާލް ސިންގް ޗައްޑާ" ގެ ކާސްޓްގައި ޓީވީ ބަތަލާ މޯނާ ސިންގް އާއި އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލު ނާގަ ޗައިތަނިއާ ވެސް ހިމެނެ އެވެ. އަދި މި ފިލްމުގެ ޚާއްސަ ފެނިލުންތަކުން ޝާހްރުކް ޚާނާއި ސަލްމާން ޚާން ވެސް ފެންނާނެއެވެ.