ޚަބަރު

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަށް ޓީވީ ތަރިންތަކެއް


މީގެ މަދު ދުވަސްކޮޅެއް ޝޫޓިން ނިންމާލާފައިވާ "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ މުހިންމު ރޯލުތަކުން ރަންވީރު ސިންގް، އާލިއާ ބަޓް، ޝަބާނާ އަޒްމީ، ދަރްމެންދްރާ އަދި ޖަޔާ ބައްޗަން ފަދަ ތަރިން ފެންނާނެއެވެ.

މި ތަރިންގެ އިތުރުން ޕްރޮޑިއުސަރު ކަރަން ޖޯހަރު މިވަނީ ޓީވީ ތަރިންތަކަކަށް މި ފިލްމުން ފުރުސަތު ދީފައެވެ.

މި ތަރިންނަކީ ޓީވީ ތަރި އަދި ގިނަ ޝޯތަކެއް ހުށައަޅައިދޭ އަރުޖުން ބިޖްލާނީ އާއި، އެކްތާ ކަޕޫރުގެ ޝޯ "ކުމްކުމް ބާގްޔާ" ގެ ތަރި ސްރިތީ ޖާ، ހަމަ މި ޝޯ ގެ ތަރި އަރިޖީތް ތަނޭޖާގެ އިތުރުން ޒީ ޓިވީގެ ޝޯ "ކުންޑަލީ ބާގްޔާ" ގެ ތަރި ޝްރައްދާ އާރްޔާއެވެ.

މި ޚަބަރު އަރިޖީތު ވަނީ އޭނާގެ އިންސްޓްގްރާމްގައި ހާމަކޮށްފައެވެ. އަރިޖީތު ވަނީ މި ފުރުސަތު ދިނީތީ ކަރަން އަށާއި ދަރްމާ މޫވީސް އަށް ޝުކުރު އަދާކޮށްފައެވެ. މީގެ ހަފްތާ އެއްހާ ދުވަސް ކުރިން ޝްރައްދާވެސް ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ. ޝްރައްދާ ވަނީ ކަރަން އާއިއެކު ނަގާފައިވާ ފޮޓޯއެއްވެސް އާންމުކޮށްފައެވެ.

މިހާރު ހަމައެކަނި ލަވައެއް ޝޫޓްނުކުރެވި އޮތް "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް އަރްޖުން އާއި ޝްރައްދާ ޝޫޓްކޮށްފައިވާ އިރު، އަރުޖުން ކުރިން ވެސް ބައެއް ފިލްމުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 2016 ގެ "ޑައިރެކްޓް އިޝްގް" ހިމެނެ އެވެ. އަދި ޝްރައްދާ އަކީވެސް ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ. އޭގެ ތެރޭގައި 2010 ގެ "ޕާތުޝާލާ" ހިމެނެ އެވެ.

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" އަކީ "އޭ ދިލް ހެ މުޝްކިލް" އަށްފަހު ކަރަން ޑައިރެކްޓުކުރާ ފުރަތަމަ ފިލްމެވެ. މިއީ ކަރަން ޑައިރެކްޓްކުރާ 8 ވަނަ ފިލްމެވެ. މީގެ ލަވައެއް ބާކީ ޝޫޓްކުރަން އޮތް އިރު، ޔޫރަޕްގައި މަންޒަރުތައް ނަގަން ހަމެޖހިފައިވާ އެ ލަވައިގެ މަސައްކަތް ފަސްކޮށްފައި އޮތީ އާލިއާ ބަލިވެއިނުމާ ގުޅިގެންނެވެ.

އެހެންކަމުން ކުރިން އަންނަ އަހަރުގެ ފެބްރުއަރީ 10 އަށް ތާވަލުކުރި ފިލްމު ރިލީޒްކުރާނެ އާ ތާރީހެއް ފަހުން ހަމަޖައްސާނެކަމަށް ބެލެވެއެވެ.