ޚަބަރު

ހިތާދޫ ރަށްގިރުން: ދުވަސްވީ ހައްލުކުރަން ޖެހިފައި އޮތް ބޮޑު މައްސަލައެއް


ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވުން ފަދަކަންކަމަކީ ރާއްޖެކަހަލަ ތިރި ގައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި ސަބަބާހުރެ ރަށްގިރުމުގެ ބޮޑެތި މައްސަލަތައް އަންނަނީ ރާއްޖޭގެ އެކިރަށްރަށް އަންނަނީ ކުރިމަތިވަމުންނެވެ. ވަކިން ޚާއްސަކޮށް ފަރެއްގެ ނިވަލެއް ނޯންނަ ރަށްރަށް ކަނޑުގަދަ ދުވަސްތަކުގައި ގިރަމުންދާކަން ފާހަގަ ކުރެވެއެވެ. ބ.ހިތާދޫއަކީވެސް އެއްވެސް ފަރެއްގެ ނިވަލެއް ނެތް ރަށެކެވެ. ރަށްގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވާ މިރަށުގައި މީހުން ދިރިއުޅޭ ހިސާބަށް ރާޅު އެރުމުގެ ބިރުމިހާރު އެބައޮތްކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.

މޫސުމީ ބަދަލުތަކާ އުމްރާނީ ތަރައްޤީއަށް ކުރެވޭ ބަނދަރު ހެދުމާ ބިންހިއްކުންފަދަ މަސައްކަތްތަކުގެ ސަބަބުންވެސް ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވަމުންއާދެއެވެ. ބ.އަތޮޅަކީ މުއްސަދި އަދި އެހާމެ ނާޒުކު ތިމާވެއްޓެއް އޮންނަ އަތޮޅެއްކަމުން ބަނދަރު ހެދުމާ ބިން ހިއްކުންފަދަ ބޮޑެތި މަސައްކަތްތައް ކުރަނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކޮށް ކުރާނެ ގޮތްތައް ބަލައިގެންނެވެ.

އަބަދުވެސް ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ހިތާދޫއަށް ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާން ފެށީ 2012 ވަނަ އަހަރުން ފެށިގެން ކަމަށް އެރަށުން ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ. އެދުވަސްވަރަކީ ހިތާދޫ ކައިރީގައި އޮންނަ ތުޅާދޫ ބިން ހިއްކުމާ ހިތާދޫ ބަނދަރު ހެދި ދުވަސްވަރެވެ. ތުޅާދޫ ބިން ހިއްކުމުގެ މަސައްކަތް ކުރީ 2010 ވަނަ އަހަރުއެވެ. ހިތާދޫ ފަޅު ހެދުމުގެ މަސައްކަތް ކުރީ 2009 ވަނަ އަހަރުގެތެރޭގައެވެ. އެހެން ކަމުން މިދެ މަޝްރޫއާ ގުޅިގެން ރަށްގިރުމުގެ މައްސަލަ ބޮޑުވެދާނެކަމަށް ބެލެވެއެވެ.

ހިތާދޫ ކުރިން އާންމުކޮށް ގިރަނީ އިރުވައި މޫސުމަށް ރަށުގެ އުތުރު ފަރާތް ހުޅަނގު މޫސުމަށް ރަށުގެ ދެކުނު ފަރާތެވެ. އެހެންނަމަވެސް މިހާރު ރަށް ވަށައިގެން ގިރަމުންދާ ކަމަށް ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު ވިދާޅުވިއެވެ. ހިތާދޫ ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގެ ދެކުނު ފަރާތް ގިރަމުންގޮސް މީހުން ދިރިއުޅޭ ސަރަހައްދަށް ރާޅު އެރުމުގެ ބިރު މިހާރު އެބައޮތްކަމަށެވެ. ރަށުގެ ދެކުނު ފަރާތުން މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ގެވަޅުތަކާ މޫދާދެމެދު މިހާރު ހުރީ 10 ވަރަކަށް ފޫޓްކަމަށާ މިކަމަށް ދާއިމީ ހައްލެއް ނުލިބިއްޖެނަމަ ރައްޔިތުންނަށް މިކަމުން އިޔާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެކަމަށް އަބްދުލް އަޒީޒު ވިދާޅުވިއެވެ.

ހިތާދޫ ގިރާސަރަހައްދު ހިމާޔަތް ކުރުމަށް މިއަަހަރުގެ ދައުލަތުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. އަދި އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެރަށު ކައުންސިލުން މިހާރު ވަނީ ޕްލޭނިންގް މިނިސްޓްރީއާ ހިއްސާކޮށްފައެވެ.

ހިތާދޫގައި މިހާރު ސަރުކާރުން ކުރިއަށްގެންދާ ބަނދަރު މަރާމާތުކޮށް ބޮޑު ކުރުމުގެ މަސައްކަތުގެ ދަށުން ފަޅު ފުންކުރުމަށް ނަގާވެލިތައް ހިތާދޫގައި އެންމެ ބޮޑަށް ގިރާ ސަރަހައްދައް އެޅުމަށް ހަމަޖެހިފައިވާ ކަމަށް އަޒީޒު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ވަގުތީ ހައްލެއްކަމަށާ އެ ވެލިތައް ހިފެހެއްޓުމަށް ރިވެޓްމަންޓެއް ނުޖަހައިފިނަމަ، އެވެލިތައް ގިރައިގެން ގޮސް ފަރަށް ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ހިތާދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަށްގިރުމުގެ މައްސަލަ ކުރިމަތިވަމުން އަންނަ ގިނަ ރަށްތަކެއްގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ބ.އަތޮޅުގެ ވެސް ދެރަށެއްގައި މި މަސައްކަތް ނިންމާ އިތުރު ތިންރަށެއްގައި މިމަސައްކަތް އަންނަނީ ކުރަމުންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމާފައިވާ ދެރަށަކީ ތުޅާދޫ އާއި ދޮންފަނެވެ. މިހާރު މަސައްކަތް ކުރަމުންދަނީ ކުޑަރިކިލާ ކެންދޫގެ އިތުރުން ދަރަވަންދޫގައެވެ.