ޚަބަރު

"އެވެންޖާޒް" ގެ ކުރިއަށްއޮތް 2 ފިލްމުވެސް 2025 ގައި


މާވެލް ސްޓޫޑިއޯސްގެ ކާމިޔާބު ފިލްމު "އެވެންޖާޒް" ގެ 4 ފިލްމެއް މީގެކުރިން ވަނީ ގެނެސްދީފައެވެ. އޭގެފަހުން އަނެއްކާވެސް އޭގެ އިތުރު 2 ފިލްމެއް މިހާރު މިވަނީ އިޢުލާނުކޮށްފައެވެ.

އެމެރިކާގެ ސެން ޑިއޭގޯގައި ބޭއްވި ޕޮޕް ކަލްޗަރ އިވެންޓް "ކޮމިކް-ކޮން" ގައި އިޢުލާނުކޮށްފައިވާ މި 2 ފިލްމަކީ "އެވެންޖާޒް: ކޭންގް ޑައިނާސްޓީ" އާއި "އެވެންޖާޒް: ސީކްރެޓް ވޯސް" އެވެ.

މި 2 ފިލްމުގެ ތެރެއިން "އެވެންޖާޒް: ކޭންގް ޑައިނާސްޓީ" ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ މެއި މަހުއެވެ. އަދި "އެވެންޖާޒް: ސީކްރެޓް ވޯސް" ތާވަލުކޮށްފައި ވަނީ ހަމަ އެ އަހަރުގެ ނޮވެމްބަރު މަހަށެވެ. ނަމަވެސް މި 2 ފިލްމާއި ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައެއްނުވެއެވެ.

މާވެލް ކޮމިކްސްގެ "އެވެންޖާޒް" އަށް ބިނާކޮށް ހެދި ފުރަތަމަ ފިލްމު "އެވެންޖާޒް" ދައްކާފައިވަނީ 2012 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ގެނެސްދީފައިވަނީ 2015 ވަނަ އަހަރެވެ. އެއަހަރު ގެނެސްދިން "އެވެންޖާޒް: އޭޖް އޮފް އަލްޓްރޯން" އަކީ 365 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ. 2015 އަހަރުގެ ފިލްމު ވަނީ 1.4 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މި ދެ ފިލްމުވެސް ޑައިރެކްޓުކޮށްފައިވަނީ ޖޮސް ވިޑެންއެވެ.

2 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު "އެވެންޖާޒް: އިންފިނިޓީ ވޯ" ރިލީޒްކުރީ 2018 ވަނަ އަހަރުއެވެ. ޖެހިގެން އައި 2019 ވަނަ އަހަރު "އެވެންޖާޒް: އެންޑްގޭމް" ރިލީޒްކޮށްފައިވާއިރު، މި ފިލްމަށްވެސް ވަނީ 2.8 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.