މި މަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "އެކް ވިލަން ރިޓާންސް" ގެ ޕްރޮމޯޝަންގައި މިހާރު އުޅޭ ފިލްމުގެ ލީޑް ތަރި ދިޝާ ޕަޓާނީ އޭނާގެ އަމިއްލަ ފިލްމުތައް ބަލަން ފޫހިވާ ކަމަށް ބުނެފިއެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި ފިލްމުތަކުގައި އޭނާ ފެންނަ ގޮތާމެދު މީހުން ދެކެނީ ކިހިނެތްތޯ އެހުމުން ދިޝާ ބުނީ އޭނާގެ އަމިއްލަ ފިލްމުތައް ބަލަން ފޫހިވާ ކަމަށާއި އަމިއްލަ ފިލްމެއް ބެލި ނަމަވެސް ގިނަ ފަހަރަށް އިންނަނީ މޫނު މަތީގައި އަތް އަޅައިގެން ކަމަށެވެ.
ދިޝާ ބޮލީވުޑަށް ތަޢާރަފުވީ ޝުޝާންތް ސިންގް ރާޖްޕުޓްއާއިއެކު ކުޅުނު ފިލްމު "އެމްއެސް ދޯނީ:ދަ އަންޓޯލްޑް ސްޓޯރީ" އިންނެވެ. މި ފިލްމުގެ ކުރިން ދިޝާ ފެނުނީ ތެލުގޫ ފިލްމު "ލޯފަރު" އިންނެވެ.
ދިޝާގެ ލޯބިވެރިޔާކަމަށް އަޑުތައް އަރާފައިވާ ޓައިގާ ޝްރޮފް އާއިއެކު ކުޅުނު "ބާގީ 2" މިޔުޒިކް ވީޑިއޯ "ބޭފިކްރޭ" އަކީވެސް މި ދެ ތަރިން އެކުގައި ފެނުނު އެއްޗެކެވެ. ދިޝާގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ބާރަތު"، "ރާދޭ" އަދި ޗައިނީޒް އެކްޝަން ކޮމެޑީ "ކޫ" ވެސް ހިމެނެއެވެ.
"އެކް ވިލަން ރިޓާންސް" އިތުރުން ކަރަން ޖޯހަރުގެ "ޔޯދާ" އަކީވެސް ދިޝާގެ ކުރިއަށްއޮތް ފިލްމެކެވެ. އަންނަ ނޮވެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ސިދާތު މަލޯތުރާގެ އިތުރުން ރާޝީ ކަންނާވެސް ފެންނާނެއެވެ.
މި މަހުގެ 1 ވަނަ ދުވަހު ޓްރެއިލާވެސް ދައްކާލާފައިވާ "އޭކް ވިލަން ރިޓާންސް" ގައި ދިޝާގެ އިތުރުން އަރުޖުން ކަޕޫރާއި، ތާރާ ސުތާރިއާ އަދި ޖޯން އަބްރަހަމްވެސް ފެނެއެވެ.
އެކްތާ ކަޕޫރާއި ބޫޝާން ކުމާރު ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނީ މިމަހު 29 ގައެވެ. ޑައިރެކްޓަރު މޯހިތު އެންމެ ފަހުން ގެނެސްދިނީ 2020 ވަނަ އަހަރު ގެނެސްދިން ފިލްމު "މަލަންގް" އެވެ.