ޚަބަރު

"ބްރަމްސްތްރާ 2" އަށް ރަންބީރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ


އަންނަ ސެޕްޓެމްބަރު މަހު ރިލީޒްކުރަން ތައްޔާރުވެފައިވާ އަޔާން މުކަރްޖީގެ ފެންޓަސީ އެޑްވެންޗަރ ފިލްމު "ބްރަމަސްތްރާ" ކާމިޔާބު ވެއްޖެނަމަ އޭގެ ދެވަނަ އަދި ތިންވަނަ ބައެއްވެސް އުފައްދާނެކަމަށް އަޔާން މީގެކުރިން ވަނީ ބުނެފައެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި އަޔާން ވަނީ މިކަމުގެ ސުރުޚީވެސް އަޅާލާފައެވެ. ކުރިއަށް ހުރި ބައިތަކުން މުހިއްމު ބޮޑެތި ކެރެކްޓާތަކެއް ތައާރަފުވާނެ އެވެ. އެގޮތުން "ބުރައްމަސްތުރާ 2" ގެ އެންމެ މުހިއްމު އެއް ކެރެކްޓާއަކަށް ވާނީ ދޭވް ނުވަތަ މަހާދޭވް ކަމަށް ބުންޏެވެ.

މި ފިލްމާއި ބެހޭގޮތުން އެންމެ ފަހުގެ ރިޕޯޓުތައް ބުނާ ގޮތުގައި މި ފިލްމުގެ ދެވަނަބައިގެ ދެން އެންމެ މުހިންމު އެއް ކެރެކްޓާކަމަށްވާ ޕާރްވަތީގެ ރޯލުން ފެންނާނީ ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފުރަތަމަ ބައިގެ ލީޑް އެކްޓަރު ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ ދީޕިކާ ޕަޑްކޯނެވެ. މިހާރު ސިނަމާތަކުގައި އަޅުވަން ތައްޔާރުވެފައިވާ "ބްރަމަސްތްރާ" ނިމޭ ހިސާބުން ދީޕިކާ ފެންނާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ދީޕިކާގެ އިތުރުން ފިރިމީހާ ރަންވީރު ސިންގްގެ ރޯލެއްވެސް މި ފިލްމުން ފެންނާނެކަމަށް މީގެކުރިން ވަނީ އަޑުތައް އަރާފައެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް ޕްރޮޑަކްޝަން ޓީމުން އަދި ޔަޤީނެއް ނުކޮށްދެއެވެ.

މި ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި މޯނީ އާއި ރޯއި ޑިމްޕަލް ކަޕާޑިއާގެ އިތުރުން ނާގުރްޖުނާ އަކިނޭނީ ވެސް ހިމެނެ އެވެ. އަދި "ބުރައްމަސްތުރާ" ގެ ވަރަށް ހާއްސަ ރޯލަކުން ޝާހްރުކް ޚާން ވެސް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ސިނަމާތަކުގައި އަޅުވާ މި ފިލްމަކީ އިންޑިއާގެ އެންމެ ގިނަ ތަންތަނުގައި އެއްފަހަރާ އަޅުވާ ފިލްމެވެ. އިންޑިއާގައި ވާހަކަ ދައްކާއުޅޭ ފަސް ބަހަކުން މި ފިލްމު ގެނެސްދޭނެއެވެ. އެއީ ހިންދީ، މަލާޔާލަމް، ތަމަޅަ، ތެލުގޫ އަދި ކަނަޑާ ބަހެވެ.