ވިޔަފާރި

އީ.އެމް.އައި.ޓީ.ޓީގެ "ބެސްޓް ޕްރޮމޯޝަން" އެވޯޑް ރާއްޖެއަށް


ތުރުކީ ވިލާތުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ، އީސްޓް މެޑިޓެރޭނިއަން ޓޫރިޒަމް އެންޑް ޓްރެވަލް އެގްޒިބިޝަން، އީ.އެމް.އައި.ޓީ.ޓީގައި ރާއްޖެއަށް "ބެސްޓް ޕްރޮމޯޝަން" އެވޯޑް ލިބިއްޖެއެވެ.

މި އެވޯޑާއި ރާއްޖޭގެ ފަރާތުން ޙަވާލްވެވަޑައިގަތުމަށްފަހު މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަޕަރޭޝަން، އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޙުމަދު ވިދާޅުވީ މި އެވޯޑަކީ މިއަހަރު ފާހަގަކުރަމުންދާ ވިޒިޓް މޯލްޑިވްސް އިޔަރ ކެމްޕެއިންނަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އީ.އެމް.އައި.ޓީ.ޓީގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށްޓަކައި ފެއަރ ކުރިއަށްދާ ތުއްޔަބު އެކްޒިބިޝަން އެންޑް ކޮންވެންޝަން ސެންޓަރގެ އެކި ހިސާބުތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ބެހެއްޓިފައި ހުންނާނެ ކަމަށާއި މި ފެއަރގެ ރާއްޖޭގެ ސްޓޭންޑްގައި ރާއްޖޭގެ ރަށްތަކުގެ ރީތިކަން ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މިއަދުގެ ނިޔަލަށް އިސްތަންބޫލްގައި ކުރިޔަށްދާ މި ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 5 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި ފެއަރ މެދުވެރިކޮށް އީސްޓް މެޑިޑިޓެރޭނިއަން ޔޫރަޕުގެ ސަރަޙައްދުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބޭނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ތުރުކީ ވިލާތަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުން އަންނަ ޤައުމެކެވެ. އެގޮތުން 2015 ވަނަ އަހަރު އެޤައުމުން ރާއްޖެއަށް 10 ހާސް 200 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު މިއީ 2014 ވަނަ އަހަރާއި އަޅާބަލާއިރު %17.7 އިތުރު އަދަދެކެވެ.