4 އަހަރު ދުވަހު ސްކްރީނާއި ދުރުގައި ހުރުމަށްފަހު ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރު ދެން އެންމެ އަވަހަށް ފެންނާނީ އަޔާން މުކަރްޖީގެ ޕީރިއަޑް އެކްޝަން ފިލްމު "ޝަމްޝޭރާ" އިންނެވެ.
މި މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ރަންބީރުގެ އިތުރުން ވާނީ ކަޕޫރާއި ސަންޖޭދަތްވެސް ފެންނާނެއެވެ.
ރަންބީރު އެންމެ ބުރަކޮށް މިހާރު އުޅެނީ މީގެ ޕްރޮމޯޝަން މަސައްކަތުގައެވެ. ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) އިން އުފައްދާ މި ފިލްމު ޕްރޮމޯޓް ކުރުމަށް ރަންބީރު ދިން އިންޓަވިއުއެއް ވައިއާރްއެފް އިން ދާދިފަހުން ވަނީ ދޫކޮށްލާފައެވެ.
މި އިންޓަވިއުގައި ރަންބީރަށް ކުރި އެއް ސުވާލަކީ އަންހެނުން އާލިއާ ބަޓް އޭނާގެ ހެދުންތައް ލާން ގެންދޭތޯއެވެ. ޖަވާބުގައި ރަންބީރު ބުނީ އާލިއާ އޭނާގެ ހެދުންތައް ނޭނގޭގޮތަށް ގެންގޮސް ބޭނުންކުރާ ކަމަށެވެ.
މީގެއިތުރުން ސްކޫލް ދުވަސްވަރު ޓެސްޓުތަކުގައި ކޮޕީ ކުރާކަމަށާއި، ނިދީގައި ގުގުރި ދަމާކަށްވެސް ރަންބީރު ވަނީ އެއްބަސްވެފައެވެ. އަދި އެއްވެސް ފިލްމެއް ބަލައިގެން ރުއިންތޯ ސުވާލުކުރުމުން ރަންބީރު ބުނީ "ޖައްގާ ޖާސޫސް" ބަލާފައި އޭނާ ރުއި ކަމަށެވެ.
ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަންހެނުން އާލިއާ ބަޓްއާއިއެކު ފެންނަ ފިލްމު "ބްރަމަސްތްރާ" ހިމެނެއެވެ. އަޔާން މުކަރްޖީގެ މި ފިލްމަކީ ރަންބީރާއި އާލިއާ އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ. މި ދެ ތަރިންގެ އިތުރުން އަމީތާބް ބައްޗަން، މޯނީ ރޯއި އަދި ނާގަރަޖޫނާ އަކިނެނީވެސް މި ފިލްމުން ރފެންނާނެއެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ ސެޕްޓެމްބަރުމަހު 9 ވަނަ ދުވަހުއެވެ.
ސަންދީޕް ވަންގާގެ "އެނިމަލް" އަދި ޝްރައްދާ ކަޕޫރާއިއެކު ފެންނަ ލަވް ރަންޖަންގެ ފިލްމަކީވެސް ރަންބީރު ފެންނާނެ ދެ ފިލްމެވެ.