2018 ވަނަ އަހަރު ގެނެސްދިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ގެ ދެވަނަ ބައެއް 2022 ވަނަ އަހަރު ގެނެސްދޭނެ ވާހަކަ 2019 ވަނަ އަހަރު ވަނީ އިއުލާނުކޮށްފައެވެ.
މިއާއިއެކު މި ސީކުއަލްއާއި ގުޅިގެން މިހާރު އިވޭ ޚަބަރަކީ "ބްލެކް ޕެންތާ" ގައި ވަކާބީ ގެ ރޯލުން ފެނުނު ޑޭނިއަލް ކަލުޔާ ސީކުއަލް އިން ނުފެންނާނެ ވާހަކައެވެ. މި ވާހަކަތައް ޑޭނިއަލް ވަނީ ޔަޤީންވެސް ކޮށްދީފައެވެ.
ޑޭނިއަލް މިކަން ޔަޤީންކޮށްދިނީ ދާދިފަހުން ދިން އިންޓަވިއުއެއްގައެވެ. މި ފިލްމުން ޑޭނިއަލް ވަކިވީ އޭނާގެ ކުރިއަށްއޮތް ފިލްމު "ނޮޕް" ގެ މަސައްކަތާއި ހެދި މިއަށް ވަގުތު ނުދެވިގެންނެވެ.
"ބެލްކް ޕެންތާ" ގެ ސީކުއަލް "ބްލެކް ޕެންތާ ވަކަންޑާ ފޯއެވާ" ވެސް ލިޔެ، ޑައިރެކްޓްކުރާނީ ފުރަތަމަ ބައި ގެނެސް ދިން ރަޔަން ކޫލްގާ އެވެ. އެތައް ފަހަރަކު ލަސްވުމަށްފަހު މި ފިލްމު މަސައްކަތް ވަނީ މިދިޔަ މާޗް މަހު ނިންމާލާފައެވެ.
އެފްރިކާ ބައްރުގައި އޮންނަ ހިޔާލީ ރަށެއް ކަމަށްވާ ވަކަންޑާގެ ރަސްކަމުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ކިޔައިދިން "ބްލެކް ޕެންތާ" އަކީ ބޮކްސް އޮފީހުގައި 1.347 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. މި ފިލްމު ހަދާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ބްލެކް ޕެންތާ" ގެ ކާސްޓުންގެ ތެރޭގައި މައިކަލް ބީ ޖޯޑަން، ޝާޑްވިކް ބޯޒްމަން، ލުޕިޓާ ނިއޮންގޯ، ޑާނިއާ ގްރީރާ، ޑެނިއެލް ކަލުޔާ، މާޓިން ފްރީމަން، ލެލިޓިއާ ރައިޓް، އެންޖެލާ ބެޒެޓް، އެންޑީ ސާކިސް އަދި ފޮރެސްޓް ވިޓޭކާ ހިމެނެ އެވެ.
2019 ވަނަ އަހަރު ބޭއްވި 91 ވަނަ އޮސްކާ އެވޯޑްގައި "ބްލެކް ޕެންތާ" ވަނީ 7 ކެޓަގަރީއަކުން ނޮމިނޭޓްވެ، 3 އެވޯޑް ހޯދާފައެވެ. އެއީ އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން، އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑެވެ.