ކާޑޭޝިއަން އާއިލާގެ މެމްބަރުންގެ ދިރިއުޅުން ދައްކުވައިދޭ ޝޯ "ކީޕިން އަޕް ވިތް ކާޑޭޝިއަން" ގެ ފުރަތަމަ ސީޒަނަށްފަހު އެ އާއިލާއިން އަނެއްކާވެސް އައު ޝޯއެއް ފަށަން ތައްޔާރުވެއްޖެ ކަމަށް އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހުއެވެ.
އޭގެފަހުން މިހާރު މިވަނީ އޭގެ ޓްރެއިލާވެސް ދައްކާލާފައެވެ. ގާތްގަޑަކަށް ދެ މިނެޓުގެ މި ޓްރެއިލާ ގައި "ދަ ކާޑޭޝިއަން" ޖުމްލަކޮށް ފެންނާނެ ހުރިހާ ކަމެއް ކުރުގޮތަކަށް ދައްކާލައެވެ. ސީޒަން 2 ގައި ފެންނާނެ ހުރިހާ ކަމެއްގެ ފްލޭޝް ބެކެއް މި ޓްރެއިލާގައި ދައްކާލައެވެ.
މީގައި ފުރަތަމަ ދައްކާލަނީ ކޯޓްނީ ކާޑޭޝިއަން އާއި ލޯބިވެރިޔާ ޓްރެވިސް ބާކާ މެޓް ގާލާގެ ރެޑް ކާޕެޓްގައި އަތުގުޅާލައިގެން ހިނގާފައި އަންނަ މަންޒަރެވެ. ކިމް ކާޑޭޝިއަން އާއި ޕީޓާ ޑޭވިޑްސަންގެ ލޯބީގެ ތަންކޮޅެއްވެސް ދައްކާއިރު ކައިލީ ޖެނާ ބަނޑު ބޮޑު ދުވަސްކޮޅުގެ މަންޒަރުތަކަކީ މި ސީޒަންގެ އެއް ތީމެވެ. ފުރަތަމަ ސީޒަންގައި ކައިލީގެ މަންޒަރުތައް މަދުކަމުން ފޭނުން ވަނީ ވަރަށް ބޮޑަށް ޝަކުވާ ކޮށްފައެވެ.
ބެލެވޭގޮތުގައި މި ސީޒަންގެ ސްޕޮޓް ލައިޓަށް ވާނީ ކޯޓްނީ އާއި ޓްރެވިސްގެ ލޯބި ކައިވެންޏެވެ. ކޯލޭއާއި ދަރިފުޅު ޓްރޫ ތޮމްސަންވެސް މި ޓްރެއިލާގައި ފެނެއެވެ.
މަންމަ ކްރިސް ޖެނާގެ ސިއްހީ ހާލަތު ދަރިންނަށް ސިއްރުކޮށްގެން އުޅޭއިރު އެކަމާއި ދެރަވެ ކަރުނަ އަންނަ މަންޒަރަކީވެސް ބަލާހިތްވާނެ މަންޒަރެކެވެ. މީގެއިތުރުން ކާޑޭޝިއަން އާއިލާ އާއި ބްލޭކް ޝައިނާ އާއި ދެމެދު ޖެހިފައިވާ ކޯޓު މައްސަލަވެސް މީގައި ދައްކައެވެ.
2020 ވަނަ އަހަރު ކާޑޭޝިއަން އާއިލާއާއި ހުލޫ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޝޯ ސްޓްރީމް ކުރާނީ ހުލޫ އިންކަމުގައިކަމަށްވެސް މިހާރު ވަނީ ޢިޢުލާނުކޮށްފައެވެ. ނަމަވެސް ސްޓްރީމްކުރާނެ އިރެއް އަދި ހާމައެއް ނުކުރެއެވެ.
6 މެމްބަރުން ހިމެނޭ ކަޑޭޝިއަން އާއިލާގެ މެމްބަރުންނަކީ ކިމް ކާޑޭޝިއަން، ކައިލީ ޖެނާ ގެ އިތުރުން ކްލޯއީ ކާޑޭޝިއަން އާއި ކޯޓްނީ ކާޑޭޝިއަން އާއި ކެންޑަލް ޖެނާ އަދި ހަމައެކަނި ފިރިހެން ދަރިފުޅު ރޮބް ކާޑޭޝިއަން އެވެ. މި އާއިލާގެ އިސް މީހަކީ މަންމަ ކްރިސް ޖެނާއެވެ.