ހދ. ނެއްލައިދޫއަކީ އާބާދީގައި 800 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ރަށެކެވެ. ރަށުގެ އުތުރު ފަރާތް ގިރުމުގެ މައްސަލައަކީ ޒަމާނުއްސުރެ އެރަށަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑު މައްސަލައެކެވެ.
މިކަމަށް ޙައްލެއް ގެނައުމުގެގޮތުން ސަރުކާރުން އެރަށުގައި އަންނަނީ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢެއް ހިންގަމުންނެވެ.
މި މަޝްރޫޢަކީ މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަވަމުން ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް، ވިދާޅުވީ އެރަށުގެ އުތުރު ފަރާތް މިހާރު އޮތީ އެއްކޮށް ގިރާފައިކަމަށެވެ. އެކަމުގެ ސަބަބުން ރަށަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާކަމަށާއި އެއީ ރަށު ރައްޔިތުންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަން ފާހަގަކުރައްވާ، މިއީ މުޅި ރަށަށްވެސް ލިބިގެންދާ ކުރިއެރުމެއްކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރުތެރޭ މަސައްކަތް އެއްކޮށް ނިމިގެންދާނެކަމަށް ލަފާކުރާކަމަށް އޭނާ ވިދާޅުވިއެވެ.
ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިއްޖެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 30 ޕަސެންޓް ވަނީ ނިމިފައި.#MTCCProjects #RayyithungeKunfuni pic.twitter.com/YaxNB5x6H3
— MTCC Plc (@MTCCPlc) July 6, 2022
ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން 870 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މި މަޝްރޫޢަކީ 19.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
އެމް.ޓީ.ސީ.ސީން މަޢުލޫމާތުދޭގޮތުގައި ނެއްލައިދޫ ގޮނޑުދޮށް ޙީމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ވަނީ ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 30 ޕަސެންޓް ވަނީ ނިމިފައެވެ.
ނެއްލައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކުރަމުންދާއިރު، މިއަހަރުގެ ތެރޭގައި އެރަށު ބަނދަރު ފުންކޮށް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކުންފުނިން އެއްކޮށް ނިންމާފައެވެ. ނެއްލައިދޫއަކީ ގާމަތީ ރަށަކަށްވުމުން ލަފާފުރުމުގެ ދަތިކަމަކީ އެރަށުގެ ރައްޔިތުންނަށް ޒަމާނުންސުރެ ކުރިމަތިވެފައި އޮތް ބޮޑުމައްސަލައެކެވެ.
ނެއްލައިދޫއަކީ އާމްދަނީ ހޯދުމުގެ ގޮތުން އިމާރާތްކުރުމާއި ފަތުރުވެރިކަން އަދި މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މަސްވެރިކަމަށް 60 އަށްވުރެ ގިނަ އުޅަނދު އޮވެއެވެ.