ރ. މަޑުއްވަރީ ޞިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.މަޑުއްވަރީގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި އެ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހަމަޖެއްސެވިކަން ޢިއުލާނުކުރެއްވީ ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މަޑުއްވަރީ ޞިއްޙީ މަރުކަޒުގައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ނިންމެވީ ސަރުކާރުން ޞިއްޚީ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ އެއްސިޔާސަތު ކަމަށްވާ އާބާދީއާއި ޚިދުމަތް ލިބިގަންނަ މީހުންގެ ޢަދަދަށް ބެލުމަށް ފަހުކަމަށެވެ. އަދި މަޑުއްވަރީ ޞިއްޙީ މަރުކަޒު މި ދަރަޖައަށް ތަރައްޤީ ކުރެވިގެން މިދިޔައީ މި ފެންވަރުގެ ޞިއްޙީ މަރުކަޒަކަށް ބޭނުންވާނެ ކަންކަން ފުރިހަމަކުރެވިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ސަރުކާރުގެ ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ޞިއްޙީ ދާއިރާއިން ގިނަ ކަންތައްތަކެއް ޙާޞިލްކުރެވިފައި ވީނަމަވެސް މިއީ ގޮންޖެހުން ބޮޑު ދާއިރާއެއް ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މަޖިލީސް މެމްބަރ މުޙައްމަދު އަމީތު ވިދާޅުވީ މަޑުއްވަރީގެ ޞިއްހީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރުމަށް ހެލްތް މިނިސްޓްރީއާއި ސަރުކާރުގެ އިސްވެރިންނާއި ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވިގެން ދިޔަކަމަށެވެ. އަދި މިކަން ކާމިޔާބުވެގެން ދިޔައީ ގުޅިގެން ކުރެވުނު މަސައްކަތުންކަން އަމީތު ފާހަގަ ކުރެއްވިއެވެ.މިނިސްޓަރ ބ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ދޮންފަނު ސިއްޙީ މަރުކަޒު ހުޅުއްވައި ދެއްވީ އިއްޔެ ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.