ޢީދު ބަންދުގައި މާލޭ ސަރަޙައްދުގެ ވެކްސިން ސެންޓަރުތައް ބަންދުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.
ކޯވިޑް ދިފާއު ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުންދަނީ މާލޭގެ 3 ސެންޓަރެއްގައެވެ. އެއީ ހުޅުމާލެ ހޮސްޕިޓަލް، ދަމަނަވެށި އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ކުރިއަށް އޮތީ ޢީދު ހަފްތާ ބަންދަން ވުމާއި، ސަރުކާރު ބަންދު ދުވަސްތަކަކަށް ވާތީ، މިމަހުގެ 10ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާއި ހަމައަށް ސެންޓަރުތައް ބަންދުވާނެކަމަށެވެ. މިހާރު އޮންނަ ގޮތުންވެސް، ހަފްތާ ބަންދުގައި ވެކްސިން ސެންޓަރުތައް ބަންދުވާނެއެވެ.
ދެން ކޯވިޑް ވެކްސިން ދޭން ފަށާނީ މިމަހުގެ 17 ވާ އާދިއްތަ ދުވަހުއެވެ.
މާލޭގެ އެކި ސެންޓަރުތަކުގައި ވެކްސިން ޖެހުމުގެ ޚިދުމަތްދޭ ދުވަސްތަކާއި ގަޑިތައް ތަފާތެވެ. ދަމަނަވެށިން ވެކްސިން ދިނުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައި، މެންދުރު 1:00އިން 3:00އަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ދޭނީ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު މެންދުރު 1:00އިން 3:00އަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި ވެކްސިން ދިނުން ކުރިއަށްދާނީ އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހުގެ ހެނދުނު 10:00އިން 12:00އަށެވެ.
ރާއްޖޭގައި 12 އަހަރުން މައްޗަށް އަންނަނީ ވެކްސިން ދެމުންނެވެ. މިހާތަނަށް ރާއްޖޭގެ އާބާދީގައި ވެކްސިން ޖެހޭ އުމުރުގެ މީހުންގެ %85 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އެއީ 384000 (ތިން ލައްކަ އައްޑިހަ ހަތަރު ހާސް) މީހުންނަށްވުރެ ބޮޑު އާބާދީއެކެވެ.
ޜާއްޖޭގައި މިހާރު ދަނީ ވެކްސިންގެ ތިން ވަނަ ޑޯޒް ބޫސްޓަރ ޑޯޒްވެސް ޖަހަމުންނެވެ.