ޚަބަރު

ގްރޭޑް 2ގެ ދަރިވަރުންނަށް މުޅިން އައު ޓެކްސްޓް ފޮތްތަކެއް


ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ގްރޭޑް 2ގެ ދަރިވަރުންނަށް ލިބިގެންދާނީ މުޅިން އަލަށް ޗާޕުކޮށްފައިވާ ޓެކްސްޓް ފޮތްތަކެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕަނމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވިދާޅުވީ މިހާރު ހިނގަމުންދާ ދިރާސީ އަހަރު ގްރޭޑް 1ގެ ދަރިވަރުން ކިޔަވަމުން ގެންދިޔައީ އާ ޓެކްސްޓް ފޮތްތަކަކުންނެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރުގައި ގްރޭޑް 2ގެ ދަރިވަރުންނަށް މުޅިން އަލަށް ޗާޕުކޮށްފައިވާ ފޮތްތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ގްރޭޑް 3ގެ ޓެކްސްޓް ފޮތްތައްވެސް އަންނަ ދިރާސީ އަހަރަށްފަހު ބަދަލުކުރެވޭނެކަމަށް ލަފާކުރެވޭކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕަނމަނަންޓް ސެކްރެޓަރީ ވިދާޅުވިއެވެ.

"މާނައަކީ ނިމިގެންމިދާ ދިރާސީ އަހަރުގަ ގްރޭޑް 2 ގެ ދަރިވަރުން ކިޔެވި ޓެކްސްޓް ފޮތްތަކާ އަޅާ ބަލާއިރު ކުރިއަށް އޮތް ދިރާސީ އަހަރުގަ ގްރޭޑް 2 ގެ ދަރިވަރުން ބޭނުންކުރާ ޓެކްސްޓް ފޮތް ބަޔަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް ހުންނާނެ އައިސްފަ. އެއީ ރިވިއު ކުރުމަށް ފަހު ގެނެވުނު ބަދަލުތަކެއް. އެހެންނަމަވެސް މަންހަޖަށް އެއްވެސް ބަދަލެއް ނާންނާނެ" އެޑިއުކޭޝަން މިނިސްޓްރީގެ ޕަނމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ބެހުމުގެ މަސައްކަތް މިދިޔަ ހަފްތާ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި މި ހަފްތާގެ ތެރޭގަ މާލޭ ސްކޫލްތަކުން ދަރިވަރުންނަށް ފޮތްތައް ބެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.

"މި ހަފްތާ ބަންދު ތެރޭ އައްޑޫ ސިޓީ، މުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީ މިތަންތަނަށް ފޮތްތައް ބައިބަޔަށް އަޅާފަ ސްކޫލްތަކަށް ބޯޓް ފަހަރުގަ ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ. ހަމައެއާއެކު ކުރިއަށްއޮތް ހަފްތާ ތެރޭގަ އަތޮޅުތެރޭގެ އެހެން ސްކޫލްތަކަށްވެސް މި ފޮތްތައް ފޮނުވިގެން ދާނެ" އަޙުމަދު ޢަލީ ވިދާޅުވިއެވެ.

ދިރާސީ އަހަރެއް ނިމި އަނެއް ދިރާސީ އަހަރު ފެށޭއިރު އެޑިއުކޭޝަން މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ދަރިވަރުން ކިޔެވުމަށް ބެނުންވާ ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ފޮތްތައް ޗާޕުކުރުމުގެ މަސައްކަތް އެއީ ކޮންމެ އަހަރަކުވެސް ދުރާލާ ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ހިނގަމުންދާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގައި މިނިސްޓްރީން ވަނީ މި މަސައްކަތް ފަށާފައެވެ. އަދި ކުރިއަށް އޮތް ދިރާސީ އަހަރަށް ގްރޭޑް 1އިން ގްރޭޑް 10ގެ އިސްލާމް އަދި ޤުރުއާން ފޮތްތައް ނެރެފައިވަނީ މިދިޔަ އަހަރު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް މުޅިން އަލަށް ޗާޕުކޮށްގެންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ޖުލައި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ހުރިހާ ސްކޫލްތަކާއި ހަމައަށް ފޮނުވާ ނިންމުން ކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި އަހަރުގެ އޯގަސްޓް މަހު ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުން އަތުގައިވެސް ޓެކްސްޓް ފޮތްތައް ހުންނާނެކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދެއްވައެވެ.