ފާއިތުވެ ދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ މަސީގެ އަހަރީ، ބިލްޑް އެންޑް ހޯމް އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަހަރުގެ މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއެވެ. އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި މަސީއިން ވަނީ ރައީސް ޔާމީން ރާއްޖޭގެ ކޮންޓްރަކްޝަން ސިނާޢަތް ކުރިއެރުއްވުމަށް ކޮށްދެއްވާފައިވާ ޚިދުމަތާއި އަދި ކޮށްދެއްވަމުން އަންނަ ޚިދުމަތްތައް ފާހަގަކޮށް މަސީގެ ޚިދުމަތުގެ އައްޑަނަ އެމަނިކުފާނަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކަށް ބަލާއިރު، ކޮންސްޓްރަކްޝަންގެ ސިނާޢަތަށް ލިބިފައިވާ ކުރިއެރުންތައް ފެންނާނެ ކަމަށެވެ. އަދި އެއްއަހަރު ދުވަހުގެ ތެރޭގައި ކޮންކްރީޓް މަސައްކަތް ކުރުމަށް މަގު ބަންދުކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކުގެ އަދަދު 3 ގުނައަށް އިތުރުވެފައިވާ ކަމަށާއި ކުރެހުން ފާސްކުރުމަށް އެމިނިސްޓްރީއަށް ހުށަހަޅާ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުޙައްމަދު ޖަނާޙް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީގެ ދެވަނައަށް އެންމެ ބޮޑު ބަހާއަކީ ކޮންސްޓްރަކްޝަންގެ ސިނާޢަތުކަމަށްވާއިރު މި ސިނާޢަތް ކުރިއެރުން ވަރަށްވެސް މުހިއްމު ކަމަށް ވިދާޅުވިއެވެ.މި އެކްސްޕޯގައި ކޮންސްޓްރަކްޝަންގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވެއެވެ. ބައިވެރިން ޤަބޫލްކުރާގޮތުގައި މި އެކްސްޕޯ މެދުވެރިކޮށް އެ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދޭނެއެވެ.މިއަހަރުގެ އެކްސްޕޯގައި ޢިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކޮންސަލްޓެންސީދޭ ފަރާތްތަކާއި ގޭތެރެ ޒީނަތްތެރިކުރުމުގެ ސާމާނު ވިއްކާ ފަރާތްތަކާއި އެފަދަ ޚިދުމަތްދޭ ފަރާތްތަށް ބައިވެރިވެފައިވެއެވެ. މަސީ ބިލްޑް އެންޑް ހޯމް އެކްސްޕޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9 އަކުން ރޭގަނޑު 10.30 އަށެވެ.