ޚަބަރު

ޝާހުގެ "ޖަވާން" އިން ދީޕިކާގެ ޚާއްސަ ފެނިލުމެއް


ބޮލީވުޑް ތަރި ޝާހުރުކްޚާނުގެ ކުރިއަށްހުރި ފިލްމުތަކަކީ ބެލުންތެރިން ވަރަށް ޝައުޤުވެރިވާނެ ފިލްމުތަކަކަށް ވާނެކަން ޔަޤީނެވެ. އެއީ 2018 ވަނަ އަހަރު ދެއްކި ފިލްމު "ޒީރޯ" ގެ ނާކާމިޔާބީއަށްފަހު ޝާހު ސްކްރީނުން ފެނަން ތައްޔާރުވީ އަދި ކިރިޔާ ކަމަށްވީތީއެވެ.

ޝާހުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ސިދާތް އާނަންދުގެ "ޕަތާން"، ރާޖްކުމާރު ހިރާނީގެ "ޑަންކީ" އަދި އަތުލީގެ "ޖަވާން" ހިމެނެއެވެ.

ފިލްމު "ޖަވާން" ގެ ޓީޒާއެއް މި މަހުގެ ކުރީކޮޅު ދައްކާލާފައިވާއިރު މި ފިލްމުގައި ޝާހު ފެންނާނީ ދެކުނު ތަރި ނަޔަންތްރާއާއިއެކުގައެވެ. އަދި މިއީ ނަޔަންތްރާ އާއި ޝާހު އެކުގައި ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމުން ދީޕިކާ ޕަޑްކޯން ފެންނާނެކަމުގެ ވާހަކަތައް މިހާރު ދަނީ ދެކެވެމުންނެވެ. މިކަމާއި ގުޅިގެން ޝާހު އާއި ދީޕިކާ އަދި އަތުލީ އަންނަނީ ވާހަކަ ދައްކަމުންކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ހައިދަރުއާބާދުގައި ޕްރަބާސް އާއިއެކު ފިލްމު "ޕްރޮޖެކްޓް ކޭ" ގެ ޝޫޓިންގައި ދީޕިކާ އުޅޭއިރު، ޝާހުވެސް އުޅެނީ "ޖަވާން" ގެ ޝޫޓިންގައި ހައިދަރްއާބާދުގައެވެ. އަދި "ޖަވާން" ގެ މަޝްވަރާތައް ކުރަން ޝާހު ވަނީ ދީޕިކާ އާއި ބައްދަލުވެސްކޮށްފައެވެ. ނަމަވެސް މި ފިލްމުގައި ދީޕިކާ ފެންނާނީ ޚާއްޞަ ފެނިލުމަކުންނެވެ.

ޝާހު ދެން އެންމެ އަވަހަށް ފެންނަ ފިލްމަކީވެސް ދީޕިކާއާއިއެކު ފެންނަ ފިލްމު "ޕަތާން" އެވެ. މި ފިލްމުން މި ދެތަރިންގެ އިތުރުން ޖޯން އަބްރަހަމްވެސް ފެންނާނެއެވެ.

ޝާހުގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އަތުލީއެވެ. މީގެ ކާސްޓުގައި ޝާހު އާދި ނަޔަންތްރާގެ އިތުރުން ސަނާޔާ މަލޯތްރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ޖޫން 2 ވަނަ ދުވަހުއެވެ.