ކުޅިވަރު

މިނިވަން 50 ޗެމްޕިއަންޝިޕްގެ 3 ވަނަ އޭދަފުއްޓަށް


ފޯކައިދޫ ބަލިކޮށް، މިނިވަން 50 ޗެމްޕިއަންޝިޕްގެ 3 ވަނަ އޭދަފުށި
ހޯދައިފިއެވެ. އޭދަފުށި ތިންވަނަ ހޯދީ ތިންވަނަ ޓީމް ކަނޑައެޅުމަށް މިއަދު ހަވީރު
އައްޑޫ ސިޓީގައި ކުޅުނު މެޗުގައި 3-2 ން ފޯކައިދޫ ބަލިކޮށްގެންނެވެ.



މެޗުގެ ފުރަތަމަ ލަނޑު ޖަހާ އޭދަފުއްޓަށް ކުރި ހޯދައިދިނީ މުޙައްމަދު
ރިޔާޒެވެ. އޭނާ ލަނޑު ޖެހީ އަހުމަދު އަޝްރަފް ޔޫސުފް ނަގައިދިން ބޯޅައަކުންނެވެ.
ފުރަތަމަ ހާފްގައި ފޯކައިދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މުޝީރެވެ.



ފުރަތަމަ ހާފް މިނަތީޖާގައި އޮވެ، ނިމުނުނު ނަމަވެސް ދެވަނަ ހާފް ފަށައިގެން
އޭދަފުށިން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށް ފަރަޤު 3-1 އަށް ބަދަލުކޮށްފައެވެ.
އޭދަފުށިން ދެވަނަ ހާފްގައި ޖެހި ފުރަތަމަ ލަނޑަކީ މުޙައްމަދު ފާސިރު ކާމިޔާބުކުރި
ލަނޑެކެވެ. ފާސިރުގެ ހުރަހަކުން ތިންވަނަ ލަނޑު ޖެހީ އަބުދުލްސަލާމް ހާމިދެވެ.



ފޯކައިދޫއަށް ފަރަޤު ކުޑަކޮށްދިނީ މުޝީރު ދިން ބޯޅައަކުން ބަދަލުކުޅުންތެރިޔާ
ނަދީމް ނަވާޒެވެ. މިނަތީޖާއާއެކު އޭދަފުއްޓަކީ މިމުބާރާތުގެ ތިންވަނަ ޓީމެވެ. އަދި
ފޯކައިދޫއަކީ ހަތަރުވަނަ ޓީމެވެ.



މުބާރާތުގެ
ފައިނަލް މެޗުގައި މާދަމާ ވާދަކުރާނީ ފަރެސްމާތޮޑާއާއި، ސ.ފޭދޫއެވެ. ހަވީރު 3:45
ގައި ފަށާ މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް
ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.