މުނިފޫހިފިލުވުން

"ވެނަމް 3" ގެ ސްކްރިޕްޓުގެ މަސައްކަތުގައި އެކްޓަރ ޓޮމް ހާޑީ


ޓޮމް ހާޑީގެ ސުޕަރ ހީރޯ ފިލްމު "ވެނަމް"ގެ 2 ވަނަ ބަޔަށް ފަހު މިހާރު ވަނީ އެ ފްރެންޗައިޒްގެ ތިން ވަނަ ބައިގެ މަސައްކަތްވެސް ފަށާފައެވެ.

ޓޮމް ހާޑީ ލީޑް ރޯލުން ފެނުނު ވެނަމްގެ 2 ވަނަ ބައި ކަމަށްވާ "ލެޓް ދެއާ ބީ ކާނޭޖް" ރިލީޒްކޮށްފައިވަނީ މިދިޔަ އަހަރު ފަހުކޮޅުއެވެ. މި ފިލްމަށް ލިބުނު ތަރުޚީބު ކުޑަނަމަވެސް، މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ހޯދާފައެވެ.

ތިންވަނަ ބައިގެ މަސައްކަތް މިހާރު ފަށާފައިވާއިރު އޭގެ ސްކްރިޕްޓްގެ މަސައްކަތުގައި ޓޮމް ބައިވެރިވާކަމަށް އޭނާގެ އިންސްޓަގްރާމްގައި ވަނީ ހާމަކޮށްފައެވެ. މި ފިލްމުގެ ކާސްޓުންގެ މަޢުލޫމާތު އަދި ހާމަކޮށްފައިނުވާއިރު، ޑައިރެކްޓަރަކީވެސް އަދި ކާކު ކަމެއް ހާމަކޮށްފައެއްނުވެއެވެ.

ސޮނީ ޕިކްޗާސް އިން އުފައްދާފައިވާ "ވެނަމް" ގެ ފުރަތަމަ ބައިގެ ޑައިރެކްޓަރަކީ ރޫބެން ފްލައިޝާ އެވެ. ދެވަނަ ބައި ޑައިރެކްޓުކޮށްފައިވަނީ އެންޑީ ސާކަސްއެވެ.

ފިލްމުގެ 3 ވަނަ ބައިގެ ޕްރީ ޕްރޮޑަކްޝަން ކުރިއަށް ދާއިރު ސްކްރިޕްޓް މަސައްކަތް ވަނީ މިހާރު ފަށައިފައެވެ. ފިލްމުގެ ޝޫޓިންތައް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ.

2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރި "ވެނަމް" ގެ ފުރަތަމަ ބަޔަކީ ބޮކްސް އޮފީހުގައި 855.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު އުފައްދަން ހޭދަ ކުރީ ގާތްގަނޑަކަށް 116 މިލިއަން މިލިއަން ޑޮލަރެވެ.
ވެނަމްގެ ދެވަނަ ބައި ""ލެޓް ދެއާ ބީ ކާނޭޖް" އަށް ވަނީ 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައެވެ.