ކުޅިވަރު

އަތޮޅުތެރޭގެ 3 ވަނަ ހޯދުމަށް އުތުރުގެ ދެޓީމް


އަތޮޅު ތެރޭގެ ތިންވަނަ މަޤާމް ހޯދުމަށް އުތުރުގެ ދެޓީމް މިއަދު ހަވީރު އައްޑޫ ސިޓީގައި ވާދަކުރާނެއެވެ. މިނިވަން 50 ޗެމްޕިއަންޝިޕްގެ ތިންވަނަ އަށް ވާދަކުރަނީ ޒޯން ދޭއްގެ ޗެމްޕިއަން ށ.ފޯކައިދޫއާއި، ޒޯން ތިނެއްގެ ޗެމްޕިއަން ބ.އޭދަފުއްޓެވެ.އޭދަފުއްޓަށް ފައިނަލްގެ ޖާގަ ގެއްލި ތިންވަނައަށް ވާދަކުރަން ޖެހުނީ ސެމީފައިނަލްގައި 4-2 ން ފަރެސްމާތޮޑާއަތުން ބަލިވެގެންނެވެ. ފޯކައިދޫއަށް ތިންވަނަ ހޮވާ މެޗުގައި ވާދަކުރަން ޖެހުނީ ސެމީފައިނަލްގައި 5-1 ން ސ.ފޭދޫ އަތުން ބަލިވެގެންނެވެ.ތިންވަނަ ހޮވާ މެޗާއި ގުޅޭގޮތުން އޭދަފުށީ ޓީމްގެ ކޯޗު މުޙައްމަދު ޒާހިދު ( ބައްޓޭ ) ބުނީ އެމެޗުވެސް މުޙިއްމުކަމަށާއި، އެމެޗަށް ތައްޔާރުވާނެކަމަށެވެ." ދެން އޮތީ އެމެޗު. އެމެޗުވެސް މުޙިއްމު. ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާން. " ކުރިން ވެލެންސިޔާއަށް ކުޅުނު ކުޅުންތެރިޔާ ބުންޏެވެ.ފޯކައިދޫ ޓީމްގެ މެނޭޖަރ އަހުމަދު ޒުހޫރު ބުނީ ސެމީފައިނަލްގައި ޓީމަށް ހަމަ ނުކުޅެވުނީކަމަށާއި ދެން އޮތީ ތިންވަނަ ހޮވާ މެޗު ކަމަށެވެ." އެދުވަހު ހަމަ ނުކުޅެވުނީ. ކުޅެވޭ ދުވަހާއި ނުކުޅެވޭ ދުވަސް އަންނާނީ. ތިންވަނަ ހޮވާ މެޗަށް ދެން ވިސްނާނީ. " ޒުހޫރު ބުންޏެވެ.ސެމީފައިނަލް މެޗަށްފަހު ދެޓީމުންވެސް އެންމެ ބޮޑަށް ފާހަގަކުރީ ފިޓްނަސްގެ މައްސަލައާއި، ދަނޑަށް އާވުމުގެ މައްސަލައެވެ. ނަމަވެސް މިއަދު ދެޓީމަށްވެސް އެކަން ދިމާވާނީ އެއްވަރަކަށެވެ. ދެޓީމްވެސް އެދަނޑުގައި ކުޅުނީ އެއް މެޗެވެ.ގްރޫޕް ސްޓޭޖްގައި މިދެޓީމް ވާދަކުރި މެޗު 3-0 ން ކާމިޔާބުކޮށް، ގްރޫޕްގެ އެއްވަނަ ހޯދީ އޭދަފުއްޓެވެ.އޭދަފުއްޓާއި، ފޯކައިދޫ ވާދަކުރާ މުބާރާތުގެ ތިންވަނަ ހޮވާ މެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ. މެޗު ފަށާނީ މިއަދު ހަވީރު 3:45 ގައެވެ.